އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދެމުންދާ ހަމަލާތަކާއެކު އިރާނުން ރައްދުގައި ދެމުންދާ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރަށް ވުރެ މައްޗަށް އަރައިފިއެވެ.
ހަނގުރާމަ ފެށުމުގެކުރިން ތެޔޮ ފީފާއެއްގެ އަގު ހުރީ އެވްރެޖްކޮށް 70 ޑޮލަރުގައެވެ. ހަނގުރާމައާއެކު ދުނިޔޭގައި އުފައްދާ ތެލުގެ 20 އިންސައްތަ ދަތުރުކުރާ ހުރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާކަމަށް އިރާނުން ވަނީ ބުނެފައެވެ. އަދި އެކަނޑު ހުރަސްކޮށް ދަތުރުކުރެވޭނީ އިރާނު ބޭނުންވާ ގައުމުތަކުގެ ބޯޓުތަކަށް އެކަނިކަމަށް އިރާނުން ވަނީ ބުނެފައެވެ.
މިއާއެކު ގަލްފުގެ ގައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައެވެ.
ތެލުގެ ބާޒާރަށް ލޮޅުންތަކެއް އަރާފައިވާއިރު ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑުތައް ކަމުގައިވާ ބްރެންޓް ކްރޫޑް ފިޔުޗަރސްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 117.65 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އަދި، ޔޫއެސް ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިޔުޓީއައި)ގެ ފީފާއެއްގެ އަގު ވަނީ 116.62 އެމެރިކާ ޑޮލަރަށް މައްޗަށް ޖެހިލާފައެވެ.
ހަނގުރާ ދިގު ލައިގެން ދާނަމަ ތެލުގެ އަގު 130 ޑޮލަރަށްވުރެ މަތިވާނެކަމަށް މާހިރުން ވަނީ އަންދާޒާކޮށްފައެވެ. އެމެރިކާ އާއި އިސްރާއީލުން އިރާނަށް ހަމަލާދެމުންދާއިރު އިރާނުން އަންނަނީ އިސްރާއީލަށާއި އަވަށްޓެރި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދެމުންނެވެ.