އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން، ހުޅުމާލޭ ފޭސް 1 ގައި މިއަދު ހަވީރު "އަވައްޓެރި ރޯދަ ވީއްލުން" ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އެޗްޑީސީން ބުނީ މި ރޯދަ ވީއްލުން އޮންނާނީ، މިއަދު ހަވީރު 18:00 ގައި، ހުޅުމާލޭ ފޭސް 1 ގެ ރަނައުރާ މަގު (ހުރަވީ ސްކޫލު ކުރިމަތީ)ގައި ކަމަށެވެ.

މިއީ، މި އަހަރުގެ ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ މިފަދަ ދެވަނަ ރޯދަ ވީއްލުމެވެ.

އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މި އަހަރުގެ ފުރަތަމަ ރޯދަ ވީއްލުން މިދިޔަ ހަފްތާގައި ބޭއްވީ، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ "އަވައްޓެރި ރޯދަ ވީއްލުން" ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށެވެ.

އެގޮތުން، އެޗްޑީސީއާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯއްދަވީއްލުންތައް ބާއްވާފައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށެވެ.