އީރާންގެ އެންމެ މަތީ ވެރިޔާ، އަދި އެ ޤައުމުގެ ރޫހީ ލީޑަރުގެ މަގާމަށް ޝަހީދުކޮށްލާފައިވާ އެ ޤައުމުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޙުސައިނީ ޚާމަނާއީ 56އ އައްޔަން ކުރައްވައިފި އެވެ.
އީރާނުގެ އެންމެ ފަހުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާށް ދޭން ފެށި ހަމަލާގެ ތެރެއިންނެވެ.
އީރާނުގެ ރޫޙީ ވެރިޔާ ޢައްޔަނުކުރުމުގެ ބާރު ލިބިގެން ވަނީ 88 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ޤައުމުގެ ތަޖުރިބާކާރުންގެ މަޖިލީހަށެވެ.
ޚާމަނާއީ އަވަހާރަ ވެވަޑައިގެންނެވިތާ ހަފުތާއެއް ފަހުން، އީރާންގެ އައު ރޫހާނީ ލީޑަރަކަށް އެ މަނިކުފާނުގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވާފައިވާ ކަަމަށް އިއުލާން ކުރީ އެ ޤައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިންނެވެ.
އީރާނުގެ އައު ރޫޙީ ވެރިޔާ ކަނޑައެޅުމުގައި އިސްކަންދީފައި ވަނީ ޝަހީދުވި ޚާމަނާއީ ދެއްވާފައިވާ އިރުޝާދަށެވެ.
އެގޮތުން އެ މަޤާމަށް އިސްކުރަން ވާނީ ދުޝްމަނުން އެ ބޭފުޅަކަށް ނަފްރަތުކުރާ ބޭފުޅެއް ކަމަށް ޚާމަނާއީ ވަނީ އިރުޝާދު ދެއްވާފައެވެ.
އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕް (އައިއާރުޖީސީ)އާ ގާާތް ގުޅުމެއް އޮންނަ ދީނީ ޢިލްމުވެރިއެއް ކަމަށްވާ މުޖުތަބާ އަކީ، އީރާންގެ ދީނީ ވެރިކަމުގައި ތެރޭގައި ވަރަށް ބާރު ގަދަ ފަރާތެކެވެ.
އީރާނުގެ ރޫހީ ލީޑަރަކު ހޮވާފައި ވާއިރު، އީރާނުގެ ރޫހީ ލީޑަރަކު ހޮވުމުގައި އޭނާގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރިން ބުނެފައެވެ.
އަދި އޭނާ ނުރުހޭ މީހަކު ހޮވައިފިނަމަ އެ މަގާމުގައި މާކަ ގިނަ ދުވަހަކު ނުހުރެވޭނެ ކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ. ޓްރަމްޕް އިތުރަށް ބުނީ އޭނާ ބޭނުންވަނީ އީރާނުގެ ތަފާތު ލީޑަޝިޕެއް ކަމަށެވެ.
މުޖްތާބާ ހުސެއިނީ ޚާމަނާއީ އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 8، 1969 ގައި އީރާނުގެ އިރުއުތުރުގެ މަޝްހާދު ސިޓީއަށެވެ.
އޭނާ އަކީ އިސްލާމީ ޖުމްހޫރިއްޔާގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުންގެ އިތުރުން އެ މަނިކުފާނުގެ ހަ ދަރިންގެ ތެރެއިން ބޭފުޅެކެވެ. މުޖުތަބާ އައިސްފައި ވަނީ އީރާނުގެ މަޝްހޫރު ދީނީ އާއިލާއަކުންނެވެ.
މުޖްތަބާ ބޮޑުފުޅުވެވަޑައިގަތީ ރަސްކަމުގެ ވެރިކަން ވައްޓާލުމާ ގުޅިގެން 1979 ވަނަ އަހަރު އިސްލާމީ ޖުމްހޫރިއްޔާ ޤާއިމުވުމުން ބައްޓަންވި ދީނީ އަދި ސިޔާސީ މާޙައުލެއްގައެވެ.
1979 ވަނަ އަހަރު މުޖްތާބާ ތެހެރާނަށް ބަދަލުވެވަޑައިގެން، ވެރިކަމުގެ އެތެރޭގެ މީހުން އުފެއްދުމަށް މަޝްހޫރު މުއައްސަސާއެއް ކަމަށްވާ އެލައިޓް އަލަވީ ހައި ސްކޫލުގައި ކިޔަވައި ވިދާޅުވި އެވެ. އަދި އޭގެ ފަހުން މުޖްތަބާ ވަނީ ކޯމްގައި ދީނީ އިލްމު އުނގެނި ވަޑައިގަތުމަށް ފަހު އާޔަތުالله މުހައްމަދު ތަގީ މިސްބާހް ޔަޒްދީ ފަދަ މަޝްހޫރު ކޮންޒަވޭޓިވް ދީނީ އިލްމުވެރިންގެ އަރިހުން ތައުލީމް ހާސިލް ކުރައްވާފައެވެ.