ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން "ބިލެތްމާ ޓޭސްޓީ" ބްރޭންޑުގެ ދަށުން އުފައްދާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން ތެލުލި ފަތް، ކޮށި މަސް، ކުޅި ކާޖާ، ރިހާކުރު އަދި މިނޫނަސް މިފަދަ ބާވަތްތަކުގެ ބަންދުކުރި ކާބޯތަކެތި އުފައްދާ މާކެޓް ކުރުމަުން އަންނަ " ބިލެތްމާ ޓޭސްޓީ" ނަމަކަށް ކިޔާ ތަނެއް ބަލާ ފާސްކުރި އިރު އެތަނަކީ އާންމު ސާފުތާހިރުކަން ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ ތަނުގައި ކުރަމުންއައި މަސައްކަތް ވަގުތުން ހުއްޓާލުމަށް އަންގާފައިވާނެކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކާބޯތަކެތި އުފައްދާ ތަންތަން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރަން ލާޒިމްވި ކަމުގައި ވީ ނަމަވެސް، "ބިލެތްމާ ޓޭސްޓީ" އަކީ ރަޖިސްޓްރީކޮށްގެން ހިންގާ ތަނެއް ނޫންކަން ހާމަވެފައިވާ ކަމަށެވެ.

އެހެންކަމުން، އެތަނުގައި ކުރަމުން އައި ހުރިހާ މަސައްކަތެއް ވަގުތުން ހުއްޓާލުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ނަމުގައި އުފައްދާ، އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށް އަދި ނުވިއްކުމަށް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.