ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން، އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ހުށަހެޅޭގޮތް ހަދައި ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ސަރުކާރުގެ "ގޯތި ގެދޮރު" ޕްރޮގްރާމްގެ ދަށުން ފޯމު ހުށައެޅުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އޭޕްރިލް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީން ބުނީ، މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތި ކަމަށެވެ. އަދި އުސޫލުގައި ހިމެނޭ މައި ކެޓަގަރީތަކަކީ، ކެޓަގަރީ-1، މާލޭ ރަށްވެހިންނާއި ކެޓަގަރީ–2، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި ފުރުސަތު ހުޅުވާލިއިރު، އުސޫލުގައި ހިމެނޭ ކަންކަމުގެ ތެރޭގައި އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މީގެ ކުރީގެ އުސޫލުތަކުގައިވެސް އޮންނަ ގޮތަށް ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތްނަމަ ޝަރުތުހަމަ ނުވާ ގޮތަށް އޮތުމެވެ.
މި ކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި ސްކީމަށް މިހާތަނަށް ކުރިމަތިލާން ހުށަހަޅާފައިވާ އަދަދުތަކަށް ބަލާއިރު އެކި ހުށަހެޅުމުގެ އެކި މަރުހަލާތަކުގައިއާއި މިހާތަނަށް ހުށަހަޅާފައިވާ ފޯމުތައް ހިމެނޭޙެން ޖުމްލަ 18،399 އެޕްލިކޭޝަނެއް އޮތް ކަމަށެވެ.
މި ސްކީމަށް ގިނަ އަދަދެއް ފަރާތްތައް ކުރިމަތިލަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ސްކީމަށް ހުޅުވާލިއިރުވެސް މިކަމަށް 20،000 އަށް ވުރެ ގިނަ ފަރާތްތައް ކުރިމަތިލާނެ ކަމަށް ބެލެވުނު ކަމަށެވެ. ނަމަވެސް ގޯއްޗަށް އޮތް ޑިމާންޑު ދަށްވުމާއެކު ގޯތި ހޯދުމަށް އިތުރު ފުރުސަތެއް ދިނުމަށް "ގޯތި-ގެދޮރު" ގެ ނަމުގައި އައު ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެ އުސޫލުގައި ވާގޮތުން ފިރިމީހާ ނުވަތަ އަނބިމީހާ ތަނެއް އޮތް ނަމަވެސް އެމީހަކަށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ދެވިގެން ދާނެ ކަމަށާއި، އޭރުން ފިރިމީހާ ނުވަތަ އަނބިމީހާގެ ފްލެޓެއް އޮތްނަމަވެސް މުސްތަގުބަލުގައި ބިމެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
18 އަހަރުން މަތީގެ ކޮންމެ ފަރުދަކަށް ވެސް ބޯހިޔާ ވަހިކަން ލިބޭނެ މަގުފަހި ކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދު ފުޅެކެވެ.