ދިވެހި ޒުވާނުންނަށް ތަމްރީނާއި، ހުނަރު ތަރައްޤީކުރުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މީގެ ތެރެއިން އެއް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ "އޮކްޓޮޕަސް ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑް" އާއެކުގައެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމެއްގައި ސޮއިކުރެވުނީ، ބައިވެރިންނަށް މަސައްކަތުގެ މާހައުލުގައި ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޕްރެންޓިސްޝިޕް އަދި އިންޓާންޝިޕް ޕްރޮގްރާމްތަކަށް އަމާޒުކޮށްގެން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ތަމްރީނުވާ ފަރާތްތަކަށް ބޭނުންވާ މެންޓަޝިޕާއި، އިރުޝާދު އޮކްޓޮޕަސް ސިސްޓަމްސްއިން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް ފްރީލާންސަރ ޕްލެޓްފޯމެއް ކަމަށްވާ "ޓާސްކިން އެލް.އެލް.ޕީ" އާއެކު ވެސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރާނީ ހުނަރު އިތުރުކުރުމަށާއި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

މިނިސްޓްރީން ބުނީ މި ދެ އެއްބަސްވުންވެސް ކުރިއަށްގެންދާނީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން ކުރިއަށްގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ.

އަދި މި މަޝްރޫޢަކީ ދިވެހިންނަށް ވަޒީފާ ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ކެރިއަރ ގައިޑެންސް، ވަޒީފާ ހޯދުމުގެ އެހީތެރިކަން، އަމާޒުކުރެވިފައިވާ ހުނަރު ތަރައްޤީކުރުމުގެ ތަމްރީނު އަދި މެންޓަރިންގ ފޯރުކޮށްދޭ މަޝްރޫއެއް ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން މި އެއްބަސްވުންތަކަކީ ރާއްޖޭގެ މަސައްކަތްތެރި ބާރު ހަރުދަނާކުރުމަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި، ހުނަރު ތަރައްޤީކޮށް ކެރިއަރ ފުރުސަތުތައް ފަހިކޮށްދިނުމުގެ ތެރެއިން ޤައުމީ ތަރައްޤީއަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.