ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކީގައި ބާއްވަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ސަރުކާރު ގަންނަން ޖެހޭނީ ލަދު ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި އިންތިހާބުތައް އެއްކޮށްލަން ސަރުކާރުން އުޅުނު ނަމަވެސް، ރައްޔިތުން އެކަމަށް ތާއީދެއް ނުކުރާނެ ކަމަށާއި، ނަގަން އުޅޭ ވޯޓްގައި ސަރުކާރަށް ރައްޔިތުން ބުނާނީ ނޫނެކޭ ކަމަށެވެ.

ނާޒިލް ވިދާޅުވީ، ސަރުކާރުންހަރަދު ކުޑަކުރުމުގެ ނަމުގައި ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ އިރު މި ސަރުކާރު އައުމުގެ ކުރިން ފޮރިން މިނިސްޓްރީއަށް މަހަކު ހަރަދުވަނީ 23 މިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް މިހާރު ފޮރިން މިނިސްޓްރީގެ މަހެއްގެ ބަޖެޓަކީ 54 މިލިއަން ރުފިޔާ ކަމަށެވެ.

"ހަރަދޭ ކިޔައިގެން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ. ހަރަދު ކުޑަކުރަން އިންތިހާބު އެއްކޮށްލާކަށް ރައްޔިތުން އެއްބަހެއް ނުވާނެ. ނަތީޖާ ބޮޑުކޮށް ފެންނާނެ. ސަރުކާރު ލަދު ގަންނަ ވަރަށް ފެންނާނެ ނަތީޖާ."

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް

މި ސަރުކާރުން ހާއްސަކޮށް އެމްބަސީތަކަށް ހަރަދު ކުރާ ވާހަކަ ފާހަގަކުރައްވައި ނާޒިލް ވަނީ އެމްބަސީތަކަށް ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދާފައެވެ. އަދި އެމްބަސީތަކުން ކުރާ މަސައްކަތުގެ ނަތީޖާއަކީ ކޮބައިތޯ ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭ ކަމަށް ނާޒިލް ވިދާޅުވި އެވެ.