ފިތުރު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ލިބިފަވާކަމަށް މޯލްޑިވްސް ޒަކާތު ހައުސިންއިން ބުނެފިއެވެ.
ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި 5،482،171 ރުފިޔާ މިހާތަނަށް ވަނީ ލިބިފައެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ރަމަޟާންމަހުގެ ފުރަތަމަ 15 ގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އަށް ބަލާލާއިރު، 2026 ގައި 5،482،171 ރުފިޔާ، 2025 ގައި 4،460،199 ރުފިޔާގެ އިތުރުން 2024 ގައި 2،626،587 ރުފިޔާ އަދި 2023 ގައި 2،794،579 ރުފިޔާ ލިބިފައިވެއެވެ.
މިއީ މިދިޔަ 3 ރޯދަމަހާ އަޅާބަލާއިރު، އެންމެ ގިނަ އަދަދަކަށް ފުރަތަމަ 15 ގައި ޒަކާތް ލިބުނު އަހަރެވެ. އަދި މިއަހަރު ރަމަޟާންމަހުގެ ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފަވަނީ 1.3 މިލިޔަން ރުފިޔާ ކަމަށްވެސް ތަފާސްހިސާބު ތަކުން ދައްކައެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދަށް ބަލާލާ އިރު، އާދައިގެ ހަނޑޫ އިން ދައްކާނަމަ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫ އިން ދައްކާނަމަ 53 ރުފިޔާ، ރަތް ހަނޑޫ އިން ދައްކާނަމަ 96 ރުފިޔާ، ބާސްމަތީ ހަނޑޫ (އާދައިގެ) އިން ދައްކާނަމަ 77 ރުފިޔާ، ބާސްމަތީ ހަނޑޫ (މޮޅު) އިން ދައްކާނަމަ 109 ރުފިޔާ، ބާސްމަތީ ހަނޑޫ (އެންމެ މޮޅު) އިން ދައްކާނަމަ 136 ރުފިޔާ، އާދައިގެ ފުށަށް 10 ރުފިޔާގެ އިތުރުން އާޓާ ފުށުން ދައްކާނަމަ 75 ރުފިޔާ ދައްކަން ޖެހެއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފަށައިގެން އޮންލައިންކޮށް ޒަކާތް ބަލައިގަތުން ވަނީ ފަށާފައެވެ. އަދި ޑެސްކް ބަހައްޓައިގެން ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށާފަވަނީ ފެބްރުއަރީ 22 ވަނަ ދުވަހުން ފަށައިގެންނެވެ.
ދިރާގު އެޕް އަދި ވެބްސައިޓް، އިރީދޫ އެފް، ބީއެމްއެލް އެފް، އެމްއައިބީ އެޕް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެއެވެ.
މިއަހަރުވެސް ފިތުރު ޒަކާތް ބަހާނީ ހުރިހާ ފަގީރުންނަށް އެއްހަމަކޮށްކަމަށް، ޒަކާތު ހައުސް އިން ވަނީ ކަނޑައަޅާފައެވެ. މީގެކުރިން ޒަކާތް ބަހަމުން އައިސްފައިވަނީ ކޮންމެ ރަށަކުންވެސް ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އެރަށެއްގެ ބެހެނިވެރިންނަށެވެ.
ނަމަވެސް މިދިޔަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ފަގީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް، އެއްހަމަޔަކުން ފިތުރު ޒަކާތް ބަހަން ނިންމާފައެވެ.