ހަކުރުގެ ސަބްސިޑީ ކަނޑާލަން ނޫޅޭ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ މުޖުތަމައުގައި ހުރި ނުބައި އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އަންނަ މަހު 4ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ކެމްޕެއިން އިފުތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސިއްހަތަށް އެތައް ގެއްލުމެއް ދޭ ވޭޕް މަނާކޮށް، ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދަތަކުން އާންމުން ދުރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް މިހާތަނަށް އެ މަނިކުފާނުގެ ސަރުކާރުން އަޅާފައިވާ ކަމަށެވެ.
ނަމަވެސް އިތުރު އެއްޗެއް މަނާކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ދޭތެރެއިން ހެލްތު މިނިސްޓަރު ވިދާޅުވި ކަމަަކާ ގުޅިގެން ބައެއް ބޭފުޅުންގެ ހިތްނުތަނަވަސްކަމެއް އެބައޮތް، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައުލޫގައި ނޫސްވެރިޔަކު ކުރި ސުވާލަަކަށް ޖަވާބުދެއްވަމުން ދެންނެވި އެއްޗަކުން. އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން . އަޅުގަނޑު ހަމަ އެކަން ސާފުކޮށްލަން މި ދަންނަވަނީ.އިތުރު ކަންކަން ބޭން ކުރުމަކީ ..އެހެނެއް ނޫން ހޭލުންތެރިކުރުވުން. އަޅުގަނޑުމެން ހޭލުންތެރިކަން އިތުރުކުރާނަން. އަޅުގަނޑުމެން ނޫޅެން ސީޝާ ބުއިން ބޭން ކުރާކަށެއް.ހަކުރުގެ ސަބްސިޑީ ކަނޑާލާކަށެއް.މިކަހަލަ ކަންކަން ކުރާކަށެއް ނޫޅެން. އެހެންނަމަވެސް ޕަބްލިކް އެވެއަނަސް އިތުރުކޮށް މިކަންކަމުން ދުރުހެލިވުމަށް ބާރުއަޅައި ހިތްވަރުދޭން އަޅުގަނޑު ބޭނުންވަނީ. މިހާރު ސީޝާ ބުޔަސް ކުރީ ޒަމާނުގަ އަޅުގަނޑުމެން ކުޑައިރު ދުން ގުޑުގުޑާ ބޮނީ. އެއީ އެންމެން އޭރު ބޯގޮތް.ވަރަށް ބޮޑަށް ދިވެހިންގެ ތެރޭގައި އާދަ ހިފާފައި އޮތް ކަމެއް މިއީ. އެހެންވީމަ އެހާބޮޑަށް އާދަހިފާފައި ހުންނަ ކަންކަމަކުން ދުރެއް ނުކުރެވޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަންކަމާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.
މިގޮތުން ސާފުކޮށް ޝީޝާ މަނާ ނުކުރާނެ ކަމާއި ހަކުރުން ސަބްސިޑީ ނުކަނޑާނެ ކަމަށް ވިދާޅުވާން ޖެހުނީ އެހެންވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ސަރުކާރުން ވަރަށް ކޮންޓްރަވާޝަލް ނިންމުންތައް ނިންމާފައިވާކަން ފާހަގަކުރައްވާ އެކަންކަމުގެ ބޭނުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށް ވިދާޅުވެފައެވެ.