ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރިތިބި 164 އުމްރާވެރިން މިރޭ އުމްރާއަށް ފުރޭ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކި ކުންފުނިތަކުން އުމްރާއަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން ނުފުރި ތިބި މީހުންނާއި، ޓްރާންސިޓް ޕްލައިޓްތައް ކެންސަލްވުމުން ނުފުރި ތިބި މީހުން ޢުމްރާއަށް ފުރޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން އެ ވުޒާރާއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން އައީ މިކަން ޙައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިނިސްޓާ ޝަހީމް ވިދާޅުވީ، އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 އުމްރާވެރިން މިރޭ އުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފައިވާ ކަމަށާއި، މައްކާގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓާ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ޙައްޖު މޫސުމާއި އަދި އުމްރާގެ އަޅުކަމަށް ދާ ފަރާތްތައް އުމްރާއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭ ބައެއް ކުންފުނިތަކުން ފައިސާ ނަގާ އޮޅުވާލާ މައްސަލަ ފެންމަތިވެއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ، އުމްރާ ދަތުރު ހަމަޖައްސާ ގުރޫޕެއް ކަމަށްވާ އަލް-އަބްރާރު ކުންފުނިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ކުރުމަށް ހަމަޖައްސާފައިވާ ޢުމްރާ ދަތުރަށް ފުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ޢުމްރާވެރިން ވަމުން ދަނިކޮށް، ދަތުރު ކެންސަލްކޮށްފައެވެ. މިކަމާއި ގުޅިގެން ޢުމުރާއަށް މީހުން ގެންދިއުމަށް އަލްއަބްރާރު ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ވަނީ ހިފަހައްޓާފައެވެ.