މިހާރުގެ ސަރުކާރުން ގާނޫނުތަކަށް ގެންނަ އަވަސް ބަދަލުތަކުގެ ސަބަބުން، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ޑރ. މުއިއްޒު އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކ. މާފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގާނޫނު އަސާސީގެ މާއްދާތަކާއި އޭގެ ތަރުތީބުތަކަކީ ވަރަށް ފުންކޮށް ވިސްނައި މަޝްވަރާކޮށްގެން ނިންމާފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި ކަމެއް ނިންމާއިރު ހަމައެކަނި އެވަގުތަކު ތިމާއަށް ފައިދާވާ ގޮތަށް ކަންކަން ކުރުމަކީ އޭގެ ނޭދެވޭ އަސަރު ފަހުން ކޮށްފާނެ ކަމެއް ކަމަށް ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ ދައްކާއިރު އެއީ ވެސް ފުންކޮށް ވިސްނާން ޖެހޭ ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގައި މާއްދާތަކެއް ލިޔެ، އެއަށް ސުރުހީތަކެއް ދީފައި ވަނީ ވާހަކަ ނުދައްކާ ނުވަތަ މަޝްވަރާ ނުކޮށް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިސާލަކަށް ބައްލަވާ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ބައި. އޭގައި އޮންނަނީ ދިވެހިރާއްޖޭގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ މުއައްސަސާ އެއް އޮންނަން ވާނެ އޭ. ސަލާމަތީ ބާރުގެ ވާހަކައެއްް ނޫން އޭގައި ދައްކާނީ. އަދި ސަލާމަތީ ޚިދުމަތްތައް ފުލުހުންގެ ޚިދުމަތާ، ސިފައިންގެ ޚިދުމަތް އޮންނަން ވާނެ އޭ. ހަމަ ލިޔަން ވީނޫން ތޯ އޭގައި ބާރޭ. މިހާރުވެސް އެބަ ބޭނުން ކުރޭ އެގޮތަށް. ސަލާމަތީ ބާރޭ. ދިފާއީ ބާރޭ. ފުލުހުންގެ ބާރޭ. އެކަމު އަސްލުގައި އޭގައި ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑުމެން ލިޔުނީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދޭ ތަންތަނުގެ ގޮތުގައި ބޭއްވުމަށްޓަކައި."

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ ބާބު ލިޔެވިގެން ދިޔައިރު އެއަށް ކުރެވިގެން ދިޔަ ބަހުސް ހަނދުމަފުޅު ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާބު ލިޔެ ނިމުމުން މަޖިލީހަށް މާ ގިނަ ބާރުތައް ދީފައިވާތީ އެހެން މެންބަރުން ގާތު ސުވާލު ކުރެއްވި ކަމަށާއި ހުރިހާ ބާރެއް މަޖިލީހަށް ދީގެން ރާއްޖޭގައި ވެރިކަމެއް ކުރާނީ ކިހިނެއްތޯ ސުވާލު ކުރެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ވިދާޅުވީ އިބޫ ތިވާހަކަ އެހާ ބޮޑަށް ނުދައްކައްޗޭ. ތިމަންނަ މެންނަށް ފެންނަ ގޮތުގައި 2008 ވަނަ އަހަރުވެސް ރާއްޖޭގެ ވެރިކަމަށް އަދި އަންނާނީ ރައީސް މައުމޫން އޭ. ރައީސް މައުމޫން ބަލިކުރެވޭ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނެއޭ. އެކަމަކު ރައްޔިތުންގެ މަޖިލީސް ތިމަންނަމެން ނަގާނަމޭ. އެހެންވީމަ އެތާ ނޫންހޭ ބާރުތައް އޮންނަން ވާނީ."

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން ކަމެއް ކުރާއިރުގައި ހަމައެކަނި ތިމާއަށް އެވަގުތަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ ކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު މިއަދު އެ ގެންނަވާ އިސްލާހުން ހަމަ ފަހަރުގައި އެމަނިކުފާނަށް 2028 ގައި ބޮޑު ލަނޑެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.