އައްޑޫ ކަރަންޓު މައްސަ ހައްލުކުރުމަށް އިއްޔެ ސޮއި ކުރި މަޝްރޫއާއެކު ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކަރަންޓްގެ މައްސަލަ ކަމަށެވެ. މިއީ އެތައް ދައުރެއް ފާއިތުވެ ދިޔައިރުވެސް ހައްލުނުވެ އޮތް ބޮޑު މައްސަލައެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަން ދެއްވި އެއް ކަމަކީ އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ކުރެއްވުން ކަމަށެވެ. އެގޮތުން އައްޑޫގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށް ކުރަންޖެހޭ މަަސައްކަތް ކުރުމަށް އެކަމަށް ބޭނުންވާ އެއްބަސްވުމުގައި މިއަދު ހަވީރު ސޮއިކޮށްފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފެށޭ މަޝްރޫޢުއާއެކު 26 މެގަވޯޓްގެ ކަރަންޓް ފޯރުކޮށްދޭނެ ނިޒާމު ގާއިމުކުރާނެ ކަމަށާ އެ މަޝްރޫޢު އަންނަ އަހަރުގެ ޖުލައި ނިމޭނެ ކަމަށެވެ.

މި މަސައްކަތަށް ހުރަސް އަޅާނެ ބަޔަކު އިންތިޚާބު ނުކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ވަރަށް ގިނަ ބާރުތައް ދީފައިވާ ކަމަށާ އެ ބާރުތައް ބޭނުންކޮށްގެން މިފަދަ މަޝްރޫޢުތަކަށް ހުރަސް އެޅިދާނެ ކަމަށެވެ. އެހެން ކަމުން އެފަދަ އެއްވެސް ފުރުސަތެއް ނުދެއްްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ފެނަކައިން ބުނީ މި މަޝްރޫޢުގެ ދަށުން މި ޕަވަރ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއްކަމުގައިވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭ.ބީ.ސީ)ގެ އުފެއްދުމެއް ކަމަށެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއް ކަމަށްވެސް ފެނަކައިން ހާމަކުރެ އެވެ.

އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢު ފުރިހަމަވާއިރު، އައްޑޫ ސީ.ޕީ.އެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެ ކަމަށް ފެނަކައިން ބުނެ އެވެ.