ރާއްޖޭގައި ސިޔާސީ ހަމަޖެހުން އެބަ އޮތް ކަމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަ ގްރޭޓާ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ޕާޓީ ތަކުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ހަމަނުޖެހުންތައް ގިނަ ވާނެ ކަމަށް ބުނާ ބުނުމަށް ރައްދުދެއްވާ ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ކިތަންމެ ސަރުކާރާ ދެކޮޅު ނަމަވެސް، ހުރިހާ ރައްޔިތުންވެސް ރާއްޖޭގައި ސިޔާސީ ހަމަޖެހުން އޮތް ކަން ގަބޫލުކުރާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާތަނަށް، ސިސާސީ ގޮތުން އަދަބެއް ދިފައިވާ މީހެއް، ޖަލަށް ލާފަހުރި މީހެއް ނުހުންނާނެ ކަމަށާއި، މީގެ ކުރިން ކަންތައްވެފައިވަނީ އެހެންނޫން ކަމަށެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސް ތާއީދު ކުރައްވަނީ އެކަމުގެ ގިނަ ފައިދާތަކެއް ހުރުމުން ކަމަށާ ރިޔާސީ އިންތިހާބު ބާއްވާތާ އެންމެ ހަ މަސް ފަހުން މަޖިލީސް އިންތިހާބު ބޭއްވުމުން އެކަމުގައި ގައުމާއި ރައްޔިތުންނަށް އޮތީ ގެއްލުން ކަމުގައި ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ހަމަޖެހުން ނަގާލަން ބޭނުންވާ މީހުން ބޭނުންވާނީ ހަމަޖެހުން ނަގާލާނެ ފުރުސަތުތައް ގިނަ ކުރަން ކަމަށާއި، ގައުމުގަ ހަމަ ނުޖެހުން އުފައްދާން ދިނުމަކީ ރަނގަޅު ގޮތެއް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނާއި ގައުމަށް ގެއްލުންވާނެ ކަމެއްގައި އެރައްޔިތުންގެ ގާތުގައި ނާހާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް ގެނެސްފައިވާ އެ އިސްލާހު ރައީސް ތަސްދީގު ކުރައްވާނީ ރައްޔިތުން އެގޮތަށް ނިންމައިފި ނަމަ ކަމަށެވެ. އަދި އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެ ވޯޓް ނަގާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓްލާން ނިކުންނަ މީހުން އިތުުރުވެ އިންތިހާބު މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ރައްޔިތުންގެ ބޮޑު ތާއީދަކާއެކު ވަޑައިގަންނަވާ ބޭފުޅުންނަށް ވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ގޮތް ނިންމުމުން މަޖިލީހުގައި އޮތް ބާރެއް ބޭނުންކޮށްގެން އެ ނިންމުމަށް ގޮންޖަހަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ޑިމޮކްރެސީގެ ހަމައެއް ވެސް ނޫން ކަމުގައި ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީން މި ފަހަރުވެސް މަސައްކަތް ކުރީ އެ އުސޫލުން ކަމުގައި ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލަނީ ކަމަށާ އެއީ ރައްޔިތުންނަށް ގެއްލުންވާނެ ގޮތަށް ކުރާ ކަމެއް ކަމަށް ބުނެ އެމްޑީޕީން ހަގީގަތް އޮޅުވާލަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހަކީ މުޅީން ތަފާތު ދެ އިންތިހާބު ކަމަށާ އެ ދެ އިންތިހާބު އެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަންކަން އެނގިތިބެ އެމްޑީޕީން ގަސްތުގައި ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ވިދާޅުވި އެވެ.