ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ރިޔާސީ އިންތިހާބާ އެއްވެސް ގުޅުމެއްއޮތް ވޯޓެއް ނޫން ކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހް މިފަދައިން ވިދާޅުވީ، ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފަލާހް ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ސިފަ ކުރައްވާ ގޮތުގައި ދެ އިންހާބު އެއްކޮށްލުމަށް ބާއްވާ ރައްޔިތުންގެ ފެންނަ ނުފެނަ ވޯޓަކީ ރިޔާސީ އިންތިހާބު ދިގުދައްމާލަން ނިންމާ ނިންމުމެއް ކަމަށެވެ. އެހެން ނަމަވެސް އިނދިކޮޅު ޕާޓީތަކުން ތުހުމަތު ކުރަމުން ގެންދާ ކަންކަން ފަލާހު ވަނީ ދޮގު ކުރައްވާފައެވެ.
ފަލާހް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން ބާއްވާ ވޯޓަކީ ދިވެހި ރައްޔިތުން އިއްތިފާގުވާ ވޯޓެއް ކަމަށާއި، އެގޮތުހން އެއް ދުވަހެއްގައި ލޯކަލް ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމަށް ބާއްވާ ވޯޓަކީ މި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.
ފަލާހު ވިދާޅުވީ މާޒީއަށް ބަލާއިރު ލޯކަލް ކައުންސިލް އިންތިހާބު މާ މުހިންމު ކަމަށް ދެކިގެން ސިޔާސީ ބޭފުޅުން ނޫޅުއްވާ ކަމަށެވެ. އެކަން އެހެން ވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ވިސްނުން މާޒީގެ ވެރިކަންތަކުގައި ނުގެންގުޅޭތީ ކަމަށާއި އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން މިކަމުގައި ތަފާތު ކަމަށް ފަލާހު ވިދާޅުވި އެވެ.
ރައްޔިތުންނަށް ހިދުމަތެއް ކުރުމަށް ބޭނުންވާ ވެރިންނަށް ލޯކަލް ކައުންސިލު އިންތިހާބަކީ "ބޮޑު" އިންތިހާބެއް ކަމަށާއި ސަބަބަކީ ސަރުކާރުން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނީ ކައުންސިލަރުންގެ ފަރާތުން ކަމަށް ވާތީ ކަމަށް ފަލާހު ވިދާޅުވި އެވެ.
އިތުރަށް ފަލާހު ވިދާޅުވީ، ސަރުކާރެއް ހިންގުމުގެ އެންމެ މުހިންމު ތިން މަގާމު ރައީސް މުއިއްޒު ފުރުއްވާފައިވާތީ އެކަމުން ތަޖުރިބާ ލިބިގަނެ، މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތްކަމަށެވެ.
އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބު ރައީސް މުއިއްޒަށް މުހިންމު ވަނީ އެމަނިކުފާނު ވައުދުވަޑައިގެންފައި ވާގޮތަށް މުޅި ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުއި ކުރުމަށް ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.