ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، ޕީއެންސީން މަސައްކަތްކުރާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، އެއް ޓީމެއްގެ ގޮތުގައިކަމަށެވެ. އަދި އެޕާޓީއަކީ ޕާޓީ ނިޒާމަށް ފުރިހަމައަށް ތަބާވާ، އެ ނިޒާމު ކުރިއެރުވުމަށާއި ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވާގޮތަށް ޕާޓީގެ ލީޑަރޝިޕުން މިހާރު ނިންމާފައިވާކަމަށެވެ. އަދި މިއީ ޕާޓީގެ ތެރެއިން ސިޔާސީގޮތުން ކުރިއަށްދިއުމަށްޓަކާ ބޭނުންވާ ފަރާތްތަކަށް ލިބޭ ވަރަށް މުހިއްމު ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެ4 މަނިކުފާނު ވިދާޅުވީ، ޕީއެންސީގެ މަސައްކަތްތައް 2023 ވަނަ އަހަރުގެ ނޮވެމްބަރުގައި 3000 މެންބަރުންނާއެކު ފެށުނު ނަމަވެސް، މިހާރު އެ އަދަދު 75،000 އަރާފައިވާކަމަށެވެ. އަދި އެ ޕާޓީގެ އަމާޒުހުރީ މެންބަރުންގެ އަދަދު އެއްލައްކައަށްވުރެ އިތުރުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.