އައްޑޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) ޤާއިމްކޮށް ނިންމުމަށް، ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާއި، ފެނަކަ ކޯޕަރޭޝަނާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ.

ޑެފިނިޓް ސޮލިއުޝަންސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ފައުންޑަރ އަދި ސީ.އީއޯ އަބްދުﷲ ސައީދެވެ.

މި އެއްބަސްވުމުގެ ދަށުން، ސީޕީއެސް ފުރިހަމަކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގެ އިތުރުން، އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. ދުބާއީގައި ރެޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

މި މަޝްރޫޢުގެ ދަށުން އެ ޕަވަރ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއްކަމުގައިވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އުފެއްދުމެކެވެ.

އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢު ނިމޭއިރު އައްޑޫ ސީޕީއެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެއެވެ.

މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙު ވިދާޅުވިގޮތުގައި މި މަޝްރޫޢު ނިމުމާއެކު އައްޑޫސިޓީގެ ދުވަސްވީ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 31 މިލިއަން ޑޮލަރަށެވެ.