ހައްޖު ކޯޕަރޭޝަނުގެ ފަރާތުން މައްކާގައި ގާއިމުކޮށްފައިވާ ހައްޖާއި އުމްރާވެރިންނަށް ހާއްސަ މެޑިކަލް ކްލިނިކުގެ ހިދުމަތް ހައްޖަށްދާ ހުރިހާ ދިވެހިންނަށް ދޭން ފަށައިފި އެވެ.
ހައްޖު ކޯޕަރޭޝަނުގެ ޑީއެމްޑީ އަލީ ޝަރީފް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ކްލިނިކްއަކީ ސައުދީގެ ހެލްތް މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ ކްލިނިކެއް ކަމަށެވެ.
އަދި އެ ކްލިނިކް ހިންގުމަށް ސައުދީގެ ނޭޝަނަލް ހޮސްޕިޓަލާއި ހައްޖު ކޯޕަރޭޝަނާއި ދެމެދު އެއްބަސްވުމެއް ގާއިމްކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ ކުރިން އެ ކްލިނިކްގެ ހިދުމަތްތައް ހާއްސަވެފައި އޮންނަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ ހައްޖާޖީންނަށާއި އުމްރާވެރިންނަށެވެ. ނަމަވެސް އެ ކޯޕަރޭޝަނުން އެކުލަވާލި އައު އުސޫލުގެ ދަށުން އަމިއްލަ އެކި ގްރޫޕްތަކުގައި ހައްޖާއި އުމްރާއަށްދާ ދިވެހިންނާއި އެ ދުވަސްވަރު މައްކާގައި ތިބޭ އެންމެހާ ދިވެހިންނަށް އެ ކްލިނިކުން ފަރުވާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެ ކުލިނިކް ގާއިމުކޮށްފައިވަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގަ އެވެ.
ހައްޖު ކޯޕަރޭޝަންގައި ގާއިމުކުރެވިފައިވާ މެޑިކަލް ޕޫލްގައި ރަޖިސްޓްރީވުމުން ދިވެހި ޑޮކްޓަރުންނަށާއި ނަރުހުންނަށް ހައްޖާއި އުމްރާ ދަތުރުތަކުގައި މައްކާއަށް ދިއުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ.