މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ދިމާވެފައިވާ ބުރޫއެރުންތަކާ ގުޅިގެން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ކަމާގުޅޭ ވުޒާރާތަކާއި ސިނާޢަތުގެ ބައިވެރިންނާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

ވީއެމްސީ އިން ނެރުނު ބަޔާނެއްގައި ބުނީ ދަތުރުތައް މެދުކެނޑުމުގެ ސަބަބުން ފަތުރުވެރިންނަށާއި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، ވިޒިޓް މޯލްޑިވްސްއިން އިސްކަންދެނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަމަށެވެ.

މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ވިޒިޓް މޯލްޑިވްސްގެ އެހީތެރިކަމާއެކު ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ހިމެނޭހެން ޖުމްލަ 8 ރިޕެޓްރިއޭޝަން ފްލައިޓް ބާއްވާފައިވާކަމަށް ވީއެމްސީން ބުނެފައި ވެއެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ އެހީތެރިކަމާއެކު ޚާއްޞަ 'ހެލްޕް ޑެސްކް' އެއް ޤާއިމުކޮށްފައިވާ ކަމަށްވެސް ވީއެމްސީ އިން ބުނެފައި ވެއެވެ.

އަދި މި ޑެސްކު މެދުވެރިކޮށް ދަތުރުވެރިންނަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

"ކުރިމަތިވެފައިވާ މި ހާލަތުން އަރައިގަތުމަށްޓަކައި، ވިޒިޓް މޯލްޑިވްސްއިން ދަނީ އެކި އެއަރލައިންތަކާއެކު މަޝްވަރާކޮށް އިތުރު ފްލައިޓްތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސަމުން." އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެމެހެއްޓުމަށްޓަކައި ދަތުރުފަތުރަށް މާބޮޑު ބުރޫއެއް އަރާފައިނުވާ އިންޑިއާ، ޗައިނާ އަދި ރަޝިއާ ފަދަ މާކެޓުތަކަށް އަމާޒުކޮށްގެން ޚާއްޞަ ކެމްޕޭންތަކެއް ހިންގުމަށް ސިނާޢަތުގެ ބައިވެރިންނާއެކު މަސައްކަތް ފަށާފައިވާކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

މިގޮތުން ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުންނާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތްތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ވީއެމްސީން ބުނީ މުސްތަޤުބަލަށް ރޭވުމުގެ ގޮތުން، ވިޒިޓް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ޚާއްޞަ 'ކްރައިސިސް ރެސްޕޮންސް ސްޓްރެޓެޖީ' އެއް އެކުލަވާލަމުން ކަމަށެވެ.

މިގޮތުން މި މަސައްކަތުގެ ދަށުން، ސިނާޢަތުގެ ބައިވެރިންނާ ބައްދަލުކޮށް، މަޢުލޫމާތު ހިއްސާކުރުމާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ، ހުރިހާ ބައިވެރިންގެ އެއްބާރުލުމާއެކު މި ދަތި ވަގުތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްގެންދިއުން ކަމަށެވެ.