ބަންޑާރަ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ނިންމުމުން އާންމުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާއެކު އެކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ ވައިބާ ގްރޫޕަށް މިނިސްޓަރު ޝަހީމް ފޮނުއްވި މެސެޖެއްގައި އިއްޔެ ވިދާޅުވީ ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށެވެ.
އަދި އެކަމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ވަނީ ހަމަޖެހިފައި ކަމަށާއި އެއާއެކު މާލޭގެ ބޮޑެތި ހުރިހައި މިސްކިތެެއް އާވެގެން ދިޔައީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޚަބަރު މީީޑިޔާތަކުގައި ޖެހުމުން އާންމުންގެ ފަރާތުން ވަކިން ޚާއްސަކޮށް ތާރީހު ދިރާސާކުރާ މީހުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ. އޭގެފަހުން މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަންޑާރަ މިސްކިތް ހުރިތާ އައު މިސްކިތެއް ބިނާކުރުމަށް ނިންމެވީ ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމަނާފަ އޮންނަ މިސްކިތެއްނޫންވީމަ ކަމަށެވެ.
މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފައި އެއާ އެއްގޮތަށްކަމަށާއި އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުންފުޅުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބަންޑާރަ މިސްކިތަކީ ވޯރާ ވިޔަފާރިވެރިން ބިނާކުރި މިސްކިތެކެވެ. އޭރު އެ މިސްކިތަށް ކިޔަނީ ބުމްބާ މިސްކިތެވެ. ނަމަވެސް ފަހުން އެ މިސްކިތުގެ ނަން ބަންޑާރަ މިސްކިތަށް ވަނީ ބަދަލުކޮށްފައެވެ.