ލޯކަލް ޓޫރިޒަމް ތަރައްގީކޮށްފައިވާ ރަށްތަކުގެ ތެރެެއިން 50ށްވުރެ ގިނަ ޓޫރިސްޓު އެނދު ހުންނަ ރަށްތަކުގައި ޓޫރިސްޓު އިންފޯރމޭޝަން ސެންޓަރުތަކެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިޤު މިހެން ވިދާޅުވީ ރައީސް އޮފީހުގައި އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ އަހަރުން އަހަރަށް ލޯކަލް ޓުއަރިޒަމާއި، ފަތުރުވެރިކަމަށް ނެރޭ އެނދުގެ އަދަދު އިތުރު ކުރުމާއި، އައު ރިސޯޓުތައް ހުޅުވުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިހާރުވެސް ފަތުރުވެރި ކަމަށް 168 ތަނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށް މި އަހަރު މުޅިން އަލަށް ހުޅުވޭނެ ކަމަށް ލަފާކުރާ 7 ރަށެއްގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ފަދައިން މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 50 އެނދަށްވުރެ ގިނަ ޓޫރިސްޓު އެނދު ހުންނަ ރަށްރަށުގައި ޓޫރިސްޓު އިންފޮމޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް މިދަނީ.އެހެންވީމަ މި މަސައްކަތުގެ މުހިންމު ކަމަކީ މީ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި ޤާއިމުކުރެވޭ ސެންޓަރެއް. މީގެ ސަބަބުން ހަމަގައިމުވެސް ފަތުރުވެރިކަމާ ގުޅުންހުރި ފަތުރުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމާ އަދި އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ.ދެން އަދި ހާއްސަކޮށް އަޅުގަނޑުމެން ބޭނުންވަނީ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭ އިރު އިޖުތިމާއީ ރިވެތި މިންގަނޑުތަކަށް އުޅުމަށް. ދެން އަދި އެ ރަށެއްގެ ސަގާފަތަށް ދިވެހިންގެ ސަގާފަތަށް އިސްކަމެއްދީގެން އެ ފަތުރުވެރިންނަށް ދޭންޖެހޭ އިންފޮމޭޝަނެއް ދިނުމަށް އަދި ފަތުރުވެރިންނަށް ދިމާވާ ކަންތައްތަކަށް ފަސޭހައިން ޙައްލެއް ހޯދައިދިނުމަށް." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، މި އިންފޯމޭޝަން ސެންޓަރުތައް ޤާއިމްކުރާނީ އެރަށެއްގެ ކައުންސިލާއި ގުޅިގެން ކަމަށެވެ.