ތެޔޮ އަގުބޮޑު ކުރުމުން ދޭހަކޮށްދެނީ ސަރުކާރުން ސިލްސިލާކޮށް ޓެކްސީ ޑްރައިވަރުންނަށް ދަތިކުރަމުންދާ ދަތިކުރުމަށް އިތުރުކުރި ‘ބޮޅެއް’ ގެ ގޮތުގައި ކަމަށް މޯލްޑިވްސް ޑްރައިވަރސް އެސޯސިއޭޝަނުގެ ރައީސް ވިދާޅުވެއްޖެއެވެ.

ޑްރައިވަރުންގެ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ނިޔާޒު މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި ވާތީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ އިން ވަނީ 13.50ރ. ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް 16.01ރ. އަށް ބޮޑުކޮށްފަ އެވެ. އެއީ 2.51ރ. ގެ އިތުރުވުމުކެވެ.އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 13.92ރ. އިން 17.54ރ. އަށް ބޮޑުކޮށްފަ އެވެ. އެއީ 3.62ރ. ގެ އިތުރުވުމެކެވެ.

މިކަމާއި ގުޅިގެން ކުރި ޕޯސްޓުގައި ނިޔާޒް ވިދާޅުވީ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގެ މުއްސަނދިން ރާއްޖެއައިސް ޕްރައިވެޓް ޖެޓްތަކުން އެއަރޕޯރޓް ވަނީ ފުރިފައި ކަމަށެވެ.

އަދި ސަރުކާރުން ތެލުގެ އަގު ބޮޑުކުރީ އެއްމަސް ދުވަހުގެ ތެޔޮ ސްޓޯރކޮށްފައި ހުރިކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިތާ 2 ދުވަސްފަހުން ކަމަށް ނިޔާޒް ވަނީ ވިދާޅުވިއެވެ.

ތެޔޮ އަގުބޮޑު ކުރުމުން ދޭހަކޮށްދެނީ ޙާލަތުގެ ނާޖާޢިޒު ފައިދާ ނެގުން ކަމުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

"ތެޔޮ އަގުބޮޑު ކުރުމުން ދޭހަކޮށްދެނީ ސަރުކާރުން ސިލްސިލާކޮށް ޓެކްސީ ޑްރައިވަރުންނަށް ދަތިކުރަމުންދާ ދަތިކުރުމަށް އިތުރުކުރި ‘ބޮޅެއް’ ގެ ގޮތުގައި." ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒް ވަނީ ތެލުގެ އަގު މިހާ ބޮޑުތަނުން އުފުލާފައިވާ އުފުލުން މުރާޖަޢާ ކުރަން ސަރުކާރަށް ގޮވާލައްވާފައެވެ.