ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގް ފްލެޓްތައް ސަބް-ލީސް ކުރުމަކީ ނުވަތަ އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަކީ އެގްރީމެންޓާ ހިލާފު ކަމެއް ކަމަށާއި، އެފަދަ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ދީފި އެވެ.

އެފްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލް މިފަދަ އިންޒާރެއް ދެއްވީ "އަމާން ދޯދި" މަޝްރޫއުގެ ފްލެޓެއް ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހަމްދާން ވިދާޅުވީ ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން އާންމުންނަށް ފޯރުކޮށްދޭ މި ފްލެޓްތައް ވިޔަފާރި އުސޫލުން ކުއްޔަށް ދޫކޮށްގެން ނަފާ ހޯދުމަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަސްލު މަގްސަދު ގެއްލި، އެތައް ރައްޔިތުންގެ ހައްގަކަށް އަރައިގަތުން ކަމަށެވެ. އަދި މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެފްޑީސީގެ ޓީމަށް މިހާރު އަންގާފައިވާ ކަމަށާއި، ގަވާއިދާ ހިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ އެގްރީމެންޓް ބާތިލްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ހޫނުވީ ޓިކްޓޮކްއިން މަޝްހޫރުވި ޝެހެނާޒް (ޝެހޭ) އޭނާގެ ފޭސްބުކް އެކައުންޓްގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 3 ކޮޓަރީގެ އެޕާޓްމަންޓެއް 23,000 ރުފިޔާއަށް ކުއްޔަށް ދޭން އިއުލާން ކުރުމުންނެވެ. އެ އިއުލާނުގައި އޭނާ ބުނެފައިވަނީ އެއީ ފަރުނީޗަރު ނެތް 3 ރޫމުގެ އެޕާޓްމަންޓެއް ކަމަށައި، މުޅިން އާ، ކިޗަން ސެޓް ޖަހާފައިވާ ތަނެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެހެނާޒް ކުއްޔަށް ދިނުމަށް ޖަހާފައިވަނީ އެފްޑީސީގެ އަމާންދޯދީގެ ޓަވަރެއްގައި ހިމެނޭ އެޕާޓްމަންޓެކެވެ. އެފްޑީސީން އެތަނުގެ ވެރިފަރާތަށް ކުއްޔަށްދީފައިވަނީ 10،500 ރުފިޔާއަށެވެ.

މި އިއުލާނާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެތައް ބަޔަކު ތިއްބާ މިފަދަ ކަންކަން ހިނގާތީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް ހަވާލުކުރަމުންދަނީ ފިނިޝިން ހުރިހާ މަސައްކަތެއްވެސް ނިންމުމަށްފަހުއެވެ.

އެގޮތުން ފަހިދިރިއުޅުން ފްލެޓްތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ހެޔޮ އަގުގައި ދޫކޮށްފައިވާ ފްލެޓްތަކެކެވެ. މި 4000 ފްލެޓްތަކުގައި 3 ކޮޓަރިއާއި ދެކޮޓަރީގެ ފްލެޓްތައް ހުރިއިރު، މިތަންތަން ކުއްޔަށް ދިނުމަކީ އެތަންތަނުގެ ވެރިންނާއެކު ވެފައިވާ އެއްބަސްވުމާއިވެސް ހިލާފު ކަމެކެވެ.