މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނު ދޫކޮށްފިއެވެ.

މިކަންހާމަކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީން ދައުލަތުގެ މީޑިއާައަށް މައުލޫމާތު ދެމުންނެވެ.

އެ މިނިސްޓްރީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި ބީއެމްއެލް އިން ލޯނު ދޫކޮށްފައިވާ 89 ފަރާތަކީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނެވެ.

މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް މި ލޯނުތައް ދޫކުރަމުން ދަނީ "ބީއެމްއެލް މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބީއެމްއެލްއާއި ފިޝަރީސް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.

އެ ސްކީމުގެ ދަށުން ޝަރުތު ހަމަވާ މަސްވެރިންނަށް އެއްވެސް ރަހުނަކާ ނުލައި އަދި އިކުއިޓީއެއް ބޭނުންނުކޮށް 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ނެގުމުގެ ފުރުސަތު ލިބޭނެއެވެ.

އަދި މަސްވެރިންގެ އާމްދަނީއަށް ބަލައި ކްރެޑިޓް ކާޑު ދޫކުރުމާއި، ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ބޮޑެތި ބޭނުންތަކަށް ބޭނުންވާ ކްރެޑިޓަށް ވެސް ފަސޭހައިން ހުށަހެޅޭނެއެވެ.