ގައުމީ އެއާލައިން، މޯލްޑިވިއަންއިން ދަތުރުކުރާ ފަސިންޖަރުންނަށް، އިންޑިއާގެ ޓްރިވަންޑްރަމްގައި ހުންނަ އަނަންތަޕޫރީ ހޮސްޕިޓަލް އެންޑް ރިސާޗް އިންސްޓިޓިއުޓުން ޑިސްކައުންޓް ލިބޭނެ ގޮތަށް އެއްބަސްވުމެއް ހަދައިފިއެވެ.

މޯލްޑިވިއަންއިން ބުނި ގޮތުގައި، އަނަންތަޕޫރީ ހޮސްޕިޓަލާއެކު ހަދައިފައިވާ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އެ އެއާލައިނުން ދަތުރުކުރާ ދިވެހީންނަށް ސިއްހީ ހިދުމަތްތައް ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ފަހިކޮށްދިނުމެވެ.

ހާއްސަ ސިއްހީ ފަރުވާ ހޯދުމުގައި ދިވެހިންގެ އެންމެ މަގުބޫލު މަންޒިލަކީ އިންޑިއާ ކަމަށާއި އޭގެ ތެރެއިން ޓްރިވަންޑްރަމަކީ ޒަމާނީ ސިއްހީ ވަސީލަތްތައް ހުންނަ އަދި ގިނަ އަދަދަކަށް ދިވެހިން ފަރުވާ ހޯދުމަށް ދާ ސަރަހައްދީ ސިއްހީ ހަބެއް ކަމަށް މޯލްޑިވިއަނުން ބުންޏެެވެ.

އެގޮތުން މޯލްޑިވިއަނުން ބުނީ އެ އެއްބަސްވުމުގެ ދަށުން، ހެލްތު ޗެކްއަޕް ޕެކޭޖުތަކުން 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި އައުޓްޕޭޝަންޓް ލެބޯޓްރީ އާއި ރޭޑިއޮލޮޖީ ހިދުމަތުން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ޓްރިވަންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުން ހޮސްޕިޓަލަށް އެމްބިއުލާންސްގައި ހިލޭ ދަތުރުކޮށްދޭނެ ކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ

މޯލްޑިވިއަންއިން ބުނީ ބަލިމީހުންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި ބަލިމީހުންނަށް ބޭނުންވާ އިތުރު ކަންކަމުގައި އެހީތެރިވުމަށް ހޮސްޕިޓަލުގައި ހާއްސަ ކަސްޓަމާ ކެއާ ޑެސްކެއް ގާއިމުކުރެވޭނެކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޑޮކްޓަރާ މުޢާމަލާތުކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ތަރުޖަމާނެއްގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.

މޯލްޑިވިއަންއިން ޓްރިވަންޑްރަމް ދަތުރުކުރާ ހުރިހާ ފަސިންޖަރުންނަށްވެސް އެ ހިދުމަތްތައް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. އަދި އެ ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު މޯލްޑިވިއަން ނުވަތަ އަނަންތަޕޫރީ ހޮސްޕިޓަލު މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަންއާއި އަނަންތަޕޫރީ ހޮސްޕިޓަލާ ދެމެދު ވެވުނު މިއެއްބަސްވުމުގެ ދަށުން ދޭ ހިދުމަތްތަކަކީ ފަސިންޖަރުންގެ ދުޅަހެޔޮކަމާއި ބޭނުންތަކަށް އިސްކަންދީގެން ފޯރުކޮށްދޭ މުހިންމު ހިދުމަތްތަކެކެވެ.