ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ހިދުމަތް ދޭން ފަށައިފިއެވެ.

ށ. އަތޮޅު ހޮސްޕިޓަލަށް ސްޕީޗް ތެރެޕިސްޓަކު ހަމަޖެހުނުކަން އެ ހޮސްޕިޓަލުން ހާމަކުރީ މިދިޔަ ބުދަ ދުވަހުއެވެ. އަދި މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު އެ ހިދުމަތް ފެށިކަން އިއުލާންކޮށް، ތެރެޕީ ބޭނުންވާ ފަރާތްތަކުން، ހިދުމަތް ހޯދުމަށް ރަޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލާފައެވެ.

އެ ގޮތުން އެ ހޮސްޕިޓަލުންދޭ ސްޕީޗްތެރަޕޠގެ ހިދުމަތުގެ ތެރޭގައި، ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ނުވަތަ އޮޕަރޭޝަނެއްގެ ސަބަބުން ،ނުވަތަ މޫނުގައި ހުންނަ އައިބެއްގެ ސަބަބުން ކާބޯތަކެތި ދިރުވުމަށާއި ވާހަކަ ދެއްކުމަށް ދިމާވާ ދަތިތަކަށް ދެވޭ ފަރުވާ އާއި، އަކުރުކިޔަން ދަތިވުމާއި، ދައްކާވާހަކަ ސާފުނުވާނަމަ ދެވޭ ތެރެޕީއާއި، ވިސްނުމާއި ބެހޭ ހުނަރުތައް ދަސްކޮށްދިނުމަށް ދެވޭ ތެރެޕީ، އާގަތުމަށް ދެވޭ ތެރެޕީ، ވާހަކަ ދެއްކުން ލަސްވުމާއި، ވާހަކަ ދެއްކުމުގެ، ނުވަތަ ދައްކާ ވާހަކަ ދޭހަވުމުގައި ކުރިމަތިވާ މައްސަލަތަކަށް ދެވޭ ތެރަޕީ، މީހުންނާއި ގުޅިގެން އުޅުމާއި ވާހަކަދެއްކުމުގެ ހުނަރާއި ގުޅޭ ތެރެޕީ، ޑިސްޕޭޖިއާ ތެރެޕީ، އަޑުގެ ތެރެޕީ، އުގެނުމުގައި ނުވަތަ ކިޔެވުމުގައި ދިމާވާ ދަތިތަކަށް ދެވޭ ތެރެޕީގެ އިތުރުން އަޑު އިވުމުގެ އެކި ދަތިތަކަށް ދެވޭ ތެރެޕީ ހިމެެނެއެވެ.

ށ. އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ސްޕީޗް ތެރެޕީ ބޭނުންވާ ކުދިން ގިނަ އަތޮޅަކަށްވާ އިރު، މީގެ ކުރިން އެ އަތޮޅުން މި ހިދުމަތް ބޭނުންވާ ފަރާތްތަކުން، ދާން ޖެހެނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މާލެ ސަރަހައްދުގެ ކޮންމެވެސް ސެންޓަރަކަށެވެ. އެހެންކަމުން އޭރު މި ފަރުވާ ހޯދުމުގައި ގިނަ ފަރާތްތަކަކަށް ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައެވެ.