މާލޭގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ގަސްދުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ސައިކަލެއްގައި ގަސްދުގައި ޕިކަޕަކުން ޖެއްސި ކަމަށް ބުނާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރުގެ ދިވެއްސެކެވެ.

މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުންވަނީ ފަސް ދުވަސް ޖަހައިފައެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާވަނީ ދުއްވަމުން ދިޔަ ޕިކަޕް ކުއްލިއަކަށް ސައިކަލް ލޭނާ ދިމާލަށް ދުއްވައި، ސައިކަލެއްގައި ގަސްތުގައި ޖައްސައިފައެވެ. އެކަމުގެ ސަބަބުން ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެފައިވާ ކަމަށްވެސް ފުލުހުންނާ ހަވާލާދީ ބަންދު އަމުރުގައި ބުނެފައިވެއެވެ.

މިގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ ނުރައްކާތެރިކޮށް ދުއްވައިގެން އެއްގަމު އުޅަނދު އެކްސިޑެންޓްވުމުގެ ތުހުމަތެވެ.