ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) 6.7 ކިލޯގެ ހަޝީޝް އޮއިލްއާއެކު އިންޑިއާ ދެމީހަކު ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.
މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ، އުމުރުން 21 އަހަރުގެ މީހަކާއި އުމުރުން 19 އަހަރުގެ މީހެކެވެ. މި މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުގައި އެ މީހުންގެ ލަގެޖުންވަނީ ހަޝިޝް އޮއިލް ފުޅިތަކެއް ފެނިފައެވެ. އޭގެ ވަގުތީ ބަރުދަނުގައި 6.7 ކިލޯ ހުރިކަން ބަންދު އަމުރުގައި ގާޒީވަނީ ފާހަގަ ކުރައްވާފައެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ ކަސްޓަމްސާއި ފުލުހުން ގުޅިގެން މިމަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އެ މީހުންގެ ދަބަސްތައް އާންމު އުސޫލުން ސްކްރީން ކުރުމުގެ ތެރޭގައި ފޮށިތަކުގެ ތެރެއިން ފޮރުވާފައި ހުރި މި ތަކެތި ލެބޯޓްރީގައި ތަހުލީލު ކުރުމުން، އެއީ ހަޝީޝް އޮއިލްކަން ވަނީ ކަށަވަރުވެފައިއެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އެ މީހުން 6 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައިވާ ކަމަށެވެ.
ކޯޓުގައި ބޭއްވި ބަންދުގެ މަޖިލީހުގައި މި ދެ މީހުންވެސް ވަނީ އެ މީހުންގެ ދިފާއުގައި ގާނޫނީ ވަކީލަކު އައްޔަން ކުރަން ބޭނުންވާކަމަށް ބުނެފައެވެ.
އަތުލައިގަތް މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ. މިއީ މިއަހަރުގެ ތެރޭގައި އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ އެންމެ ބޮޑު އެއް ޝިޕްމަންޓެވެ.