ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހަކީ ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ އިސްލާހެކެވެ. މި އިސްލާހް ރައީސް ތަސްދީޤްކުރެއްވީ އެ މަހުގެ 6 ވަނަ ދުވަހުއެވެ.

މި ޤާނޫނަށް ގެނައި އިސްލާހުތަކުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި، ނުޙައްޤުން މުއްސަނދިވެފައިވާ މީހުންނަށް ހަރުކަށި އަދަބުތައް ވަނީ ކަނޑައަޅުއްވާފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ، އިސްލާޙުތައް ގެނެސްފައެވެ. މި ބިލް ފާސްކޮށްފައިވަނީ މި އިސްލާހުތަކާއެކުއެވެ. އެ އިސްލާޙުތަކުގައިވާ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމަށް ވަނީ ހިމަނުއްވާފައެވެ. އެގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.

މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން ޙުކުމް ކުރުމުންނެވެ. އިއްތިފާޤުން މަރުގެ ޙުކުމް ކަނޑަނާޅުއްވާނަމަ އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކޮމިޓީން ހުށަހެޅުއްވި އިތުރު އިސްލާޙުތަކުގެ ތެރޭގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކޮށްގެން މަރުގެ އަދަބު ނުވަތަ އުމުރު ދުވަހަށް ޖަލު ޙުކުމެއް އިއްވާ މީހަކަށް އަބަދު މަޢާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޕެރޯލްގެ ދަށުން ދޫ ނުކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެެވެ.

މި ޤާނޫނުގައި ވަނީ، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބު ބޮޑުކޮށް، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/75,000 ރުފިޔާއިން ފެށިގެން -/7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ކަނޑައަޅާފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ޤާނޫނުގެ ބޭނުމަކީ، ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރި ކުރުމާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީއާއި މަސްތުވާތަކެއްޗާއި ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮ ގޮތުގައި މުޖުތަމައުއަށް އަނބުރާ ރުޖޫޢަ ވެވޭނެ ފުރުޞަތު ދިނުމަށްޓަކައި ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީވެސް މި ޤާނޫނުގެ މަގުޞަދެއްކަން ވަނީ ބަޔާންކުރައްވާފައެވެ.

މި ޤާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމާއި، މަސްތުވާތަކެއްޗާއި ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާއި ގުޅޭ އުސޫލުތައް މުރާޖަޢާ ކުރުމަށް ވަނީ ހިމަނާފައެވެ.

މީގެއިތުރުން މި ޤާނޫނުގައި ކަނޑައަޅާފައިވާ އިތުރު ކުށްތަކުގެ ތެރޭގައި، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އެފަދަ ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ހާލު، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގައި އެވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން ވެސް ހިމެނެ އެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރަން ގެންގުޅޭ އުޅަނދު ހިފަހައްޓައި ދައުލަތަށް ނެގުމާއި، "މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަންތަން" ބަންދުކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވެ އެވެ.