އެމެރިކާ-އީރާން ހަނގުރާމައާ ގުޅިގެން މެދުކަނޑާލާފައިވާ އިއްތިހާދު އެއާވޭޒްގެ ދަތުރުތައް، މިއަދުން މި މާޗުމަހުގެ 19 އަށް ވަކި ޚާއްޞަ މަންޒިލްތަކަކަށް އަލުން ފެށުމަށް އެ އެއާލައިނުން ނިންމައިފިއެވެ. އަލުން ދަތުރުތައް ފަށާ މަންޒިލްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.
އިއްތިހާދު އެއަރލައިނުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނީ، އެ އެއަރލައިންގެ ދަތުރުތައް އަލުން ފެށުމަށް ނިންމީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ފުރިހަމައަށް ކަށަވަރު ކުރުމަށްފަހުގައިކަމަށެވެ.
މި މުއްދަތުގައި އަބޫދާބީއާއި ދުނިޔޭގެ މުހިންމު 25 މަންޒިލަކާ ދެމެދު ދަތުރުތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި މާލޭގެ އިތުރުން ލަންޑަން، ނިއުޔޯކް، ފްރެންކްފަޓް، މިލާން، ޕެރިސް، ޓޮރޮންޓޯ، ކުއާލަލަމްޕޫރު، ކޮލަމްބޯ އަދި ބެންކޮކް ފަދަ ސިޓީތައް ހިމެނެއެވެ.
ނަމަވެސް، މި ދަތުރުތަކުގެ ބޭރުން އަބޫދާބީއަށް ކުރަން ހަމަޖެހިފައިވާ އެހެން ހުރިހާ ޝެޑިއުލް ފްލައިޓްތަކެއް އަދިވެސް އޮތީ މެދުކަނޑާލާފައެވެ. އެހެންކަމުން، އެއާލައިނުން ސީދާ ގުޅައިގެން ނުވަތަ ދަތުރު ކަށަވަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން މީހުން އެއާޕޯޓަށް ނުދިއުމަށް އެ އެއާލައިނުން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން އެމެރިކާ-އީރާން ހަނގުރާމައާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ދަތުރު ނުކުރެވިފައިވާ ފަރާތްތަކަށް އިސްކަންދީގެން ޖާގަ ހަމަޖައްސައިދިނުމުގެ މަސައްކަތް އެ އެއަރލައިނުން އަންނަނީ ކުރަމުނެނެވެ.
28 ފެބްރުއަރީގެ ކުރިން ޓިކެޓް ނަގާފައިވާ އަދި 21 މާޗުއާ ހަމައަށް ދަތުރުކުރަން އޮތް ފަރާތްތަކަށް، އެއްވެސް އިތުރު ފީއަކާ ނުލައި 15 މެއި 2026 ގެ ކުރިން ދަތުރުގެ ތާރީޚު ބަދަލުކުރެވޭނެއެވެ.
އަދި މިމަހުގެ 21އާހަމައަށް ދަތުރުކުރަން އޮތް ފަރާތްތަކަށް، ދަތުރު ކެންސަލްކޮށް ރީފަންޑަށް އެދުމުގެ ފުރުސަތު އޮންލައިން ފޯމު މެދުވެރިކޮށް ނުވަތަ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ލިބޭނެކަމަށް އެ އެއަރލައިނުން ބުނެއެވެ.
އަދި ދަތުރުގެ ކުރިން އެއާލައިންގެ ވެބްސައިޓުން ފްލައިޓްގެ ހާލަތު ޗެކްކުރުމަށާއި، ބުކިންގައިވާ ކޮންޓެކްޓް މައުލޫމާތު އަދާހަމަކުރުމަށްވެސް އެ އެއާލައިނުން ވަނީ އިލްތިމާސްކޮށްފައިވެއެވެ.