ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރ ކަމަށްވާ އައިޓީބީ ބާލިން 2026 ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

މި ފެއަރގައި މިއަހަރުވެސް ދިވެހިރާއްޖެއިން ބައިވެރިވެ، ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ވީޒިޓް މޯލްޑިވްސް ކޯރޕަރޭޝަން، (ވީއެމްސީން) ވަނީ ކުރިއަށްގެންގޮސްފައެވެ.

އައިޓީބީ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 67 ކުންފުންޏަކުން ޖުމްލަ 159 މީހުން ބައިވެރިވެފައިވެއެވެ.

ވީއެމްސީ އިން ވަނީ ފެއަރގެ ތެރޭގައި ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ހަރަކާތަކީ އަންނަ އަހަރުގެ އައިޓީ ބާލިން ފެއަރ ރާއްޖެއިން ހޯސްޓުކުރުމާއި ގުޅޭ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމެވެ.

އެގޮތުން އައިޓީބީ ބާލިން 2026 މައުރަޒުގައި ގާއިމުކޮށްފައި ހުރި ރާއްޖޭގެ އެގްޒިބިޝަން ސްޓޭންޑުގައި ބޭއްވި ހަފުލާއެއްގައި، އަންނަ އަހަރު އައިޓީބީ ފެއާ ރާއްޖެއިން ހޯސްޓުކުރުމާ ގުޅޭ އެއްބަަސްވުމުގައި ސޮއިކުރެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއާއި، އައިޓީބީ ފެއާ އިންތިޒާމުކުރާ މެސޭ ބާލިންގެ ސީއީއޯ ޑރ.މާރިއޯ ޓޯބިއަސްއެވެ.

މީގެ އިތުރުން މިއަހަރުގެ ފެއަރގެ ހަވާސާގެ ތެރެއިން މުހިންމު ދެ ހަރަކާތެއް ވީއެމްސިއިން ވަނީ ކުރިއަށްގެންގޮސްފައެވެ. އޭގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމަކާއި، ރިޓްސް ކާރލްޓަން ބާލިންގައި ބޭއްވުނު 'މޯލްޑިވިއަން ނައިޓް' ހިމެނެއެވެ. މި ހަރަކާތުގައި ބައިނަލްއަގުވާމީ މީޑިއާތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ.

ވީއެމްސީއިން ބުނީ، މިއަހަރުގެ ފެއަރގައި ރާއްޖެއިން ވަނީ 504 އަކަމީޓަރުގެ ބޮޑު ސްޓޭންޑެއް ތައްޔާރުކޮށްފައެވެ. މިއީ އައިޓީބީ ބާލިންގައި ރާއްޖެއިން މިހާތަނަށް ބައިވެރިވި ހުރިހާ ފަހަރަކާ އަޅާބަލާއިރު ތައްޔާރުކުރި އެންމެ ބޮޑު ސްޓޭންޑެވެ. ސަފާރީއެއްގެ ސިފަ ޖެހޭ ގޮތަށް ފަރުމާކޮށްފައިވާ މި ޑަބަލް ޑެކް ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކަށް ރާއްޖޭގެ ކަނޑުމަތީގެ ދަތުރުފަތުރުގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ސްޓޭންޑުގައި ބޭއްވުނު ބީ2ބީ ބައްދަލުވުންތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެހެންކަމުން ސްޓޭންޑުގެ ދެ ފަންގިފިލާގައިވެސް މި ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފައިދާހުރިގޮތެއްގައި ކުރިއެރުވުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް ވީއެމްސީން ބުނެއެވެ.