ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑުތައް މުރާޖާކުރާއިރު ޤައުމުތަކުގެ ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓައިޕެންޑް މުރާޖާ ކުރުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް އެއް ގޮތަކަށް ސްޓައިޕެންޑުގެ ގޮތުގައި ފައިސާ ދޭތާ އަހަރުތަކެއްވެފައިވާ ކަމަށާއި އެ ސްޓައިޕެންޑުތައް މުރާޖާކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން މިހާރު އަޅުގަނޑުމެން މި ބޭނުންކުރާ ސްޓައިޕަންޑްތަކަކީ މީގެ 5 ވަރަކަށް އަހަރުކުރިން ކަނޑައަޅާފައި ހުރި ސްޓައިޕަންޑް ރޭޓުތަކެއް.ދެން އަޅުގަނޑަށް އެނގޭ ދުވަހުން ދުވަހަށް ދިރިއުޅުމުގެ ޚަރަދުތައް ކޮންމެ ގައުމެއްގައިވެސް އަންނަނީ މަތި ވަމުން ކަން އެހެންވީމަ އެނގިވަޑައިގަންނަވާނެ ކޮންމެ ޤައުމެއްގައި ވެސް އޮންނާނެ ސްޓޫޑެންޓު ވިސާ ދޫކުރުމުގައި ބަލާ މިންގަނޑުތަކެއް. މިހާވަރަށް ކުއްޖާ އަތުގައި ފައިސާ ހުންނަން ޖެހޭނެޔޭ ވިސާ ދޫކުރުމުގެ ކުރިން. އެހެންވީމަ އެ ކަންތައްތަކަށް އަޅުގަނޑުމެން ބަލާނަން އެއް ކަމަކަށް." މިނިސްޓަރު ޙައިދަރު އަޙުމަދު ވިދާޅުވިއެވެ.

އަދި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ޤައުމުތަކުގައި ތިބި ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖާ ކުރުމުގެ މަސައްކަތް އަވަސް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ފަހަރަށް ދަރިވަރުންނަށް ފައިސާ ފޮނުވާއިރު އެކި މައްސަލަތައް ދިމާވެ ލަސްތަކެއް ދިމާވާ ކަމަށާއި ނަމަވެސް މިހާރު އެކަން ކުރިއަށްވުރެ ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ދަރިވަރުންނަށް ފައިސާ ފޮނުވަން ޖެހޭ މުއްދަތުގެ ދެ ހަފުތާ ކުރިން، %75 ދަރިވަރުންނަށް މި އަހަރު ފައިސާ ދެމުން އަންނަކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.