އައްޑޫ ސިޓީ ކައުންސިލްގައި އޮތް އެމްޑީޕީގެ ރަސްކަން މިފަހަރު ނިމުމަކަށް އަންނާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އައްޑޫ ސިޓީ މާލޭ ސަރަހައްދުގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ކައުންސިލަރުން ދައުރު ނިމެން ކައިރިވުމުން ކަރަންޓު ކެނޑޭ ވާހަކަ އާއި މަގުތަކުގެ ވާހަކަ ދެއްކުމަކީ އަޖައިބެއް ކަމަށާއި އައްޑޫ ކައުންސިލްގައި އޮތް އެމްޑީޕީގެ ރަސްކަން މިފަހަރު ނިމުމަކަށް އަންނާނެ ކަމަށެވެ.

"މިބޭފުޅުން ރަސްކަން، ރަސްކަމެއްގެ ގޮތުގައި އަޅުގަނޑު މިދަންނަވަނީ، ރަސްކަންތާ ގިނަ ދުވަސް ވާނީ އާންމު ގޮތެއްގައި. އިރާދަކުރެވިއްޔާ މި ނިންމަނީ އަޅުގަނޑުމެން. ރަސްކަމެއް ނިމޭއިރުގައި އެބޭފުޅުން އެދައްކަވަނީ ފެނާ ނަރުދަމާގެ ވާހަކަ، އެބޭފުޅުން އެދައްކަވަނީ ކަރަންޓު ކެނޑޭވާހަކަ، އެބޭފުޅުން އެދައްކަވަނީ މަގުތަކުގެ ވާހަކަ. އަޖައިބެއް ނޫންތޯ މީ؟"

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް

އައްޑޫ ކައުންސިލްގެ މޭޔަރާއެކު މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އެ މެޖޯރިޓީއާއެކު އައްޑޫ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށެވެ.

"ދެން ކޮން ކަމެއް ރަނގަޅު ކުރާ ވާހަކަތޯ މިދައްކަނީ އަނެއްކާ؟ އައްޑޫ ސިޓީގައި މި މޭޔަރުން މެޖޯރިޓީއާއެކީގައި ތިބެއްޖެ އެމްޑީޕީގެ ސަރުކާރުގައި. އެމްޑީޕީގެ ސުޕަ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގަ އޮތްއިރުގަވެސް ހަމަ އައްޑޫ ސިޓީ ކައުންސިލް ތަމްސީލު ކުރީވެސް ހަމަ މިދެންނެވިހެން އެމްޑީޕީގެ މެޖޯރިޓީ،"

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް އެބައޮތް ކަމަށާއި އޭގެތެރެއިން އެންމެ ބޮޑު އެއް އިސްކަމެއް ދީފައި އޮތް ސިޓީއަކީ އައްޑޫ ކަމަށެވެ. އަދި އައްޑޫ ކައުންސިލްގެ މެޖޯރިޓީ މިފަހަރު ޕީއެންސީއަށް ދީފިނަމަ ތަފާތު ފެންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.