މާލޭގެ ބަންޑާރަ މިސްކިތާއި ޒިކުރާ މިސްކިތް ހުރި ބިމުގަައި ޒަމާނީ ފެންވަރުގެ ބޮޑު ދެ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިއްޖެއެވެ.

މިކަންހާމަކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މިކަންހާމަކުރައްވާ އިސްލާމިކް މިނިސްޓްރީގެ ވައިބާ ގްރޫޕަށް މިނިސްޓަރު ޝަހީމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށެވެ.

އަދި އެކަމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ވަނީ ހަމަޖެހިފައި ކަމަށާއި އެއާއެކު މާލޭގެ ބޮޑެތި ހުރިހައި މިސްކިތެެއް އާވެގެން ދިޔައީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ބޭނުންކުރަމުންދާ ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށްވެސް އެހީ ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޒިކުރާ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް އެޅުމަށްޓަކާ ރަމަޟާންމަހުގެ 27 ވިލޭރޭ ބިންގާ އެޅުމަށް އެހީދެއްވާ ފަރާތުން އެދިފައިވާ ކަމަށެވެ.

ހަމައެހެންމެ ރަމަޟާން މަސް ނިމުމުން ވަގުތީ މިސްކިތް ތަޅާލައި، އަމަލީ މަސައްކަތް ފެށިގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުގެ ޚަރަދުގައި މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ.