ފަތުރުވެރިކަމުގެ ދުނިޔޭގެ އެންމެ ބޮޑު އެއް މައުރަޒު ކަމުގައިވާ އައިޓީބީ ބާލިން ފެއާ އަންނަ އަހަރު ހޮސްޓުކުރާ ގައުމަކަށް ރާއްޖެ ހަމަޖައްސާފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ އައިޓީބީ ބާލިން ފެއާ އަންނަ އަހަރު ހޮސްޓުކުރާ ގައުމަކަށް ރާއްޖެ ހަމަޖައްސާފައިވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އައު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށެވެ.
މިހާރު ޖަރުމަންވިލާތުގައި ކުރިއަށްދާ އައިޓީބީ ބާލިން 2026 މައުރަޒުގައި ގާއިމުކޮށްފައި ހުރި ރާއްޖޭގެ އެގްޒިބިޝަން ސްޓޭންޑުގައި ބޭއްވި ހަފުލާއެއްގައި، އަންނަ އަހަރު އައިޓީބީ ފެއާ ރާއްޖެއިން ހޯސްޓުކުރުމާ ގުޅޭ އެއްބަަސްވުމުގައި ސޮއިކުރެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއާއި، އައިޓީބީ ފެއާ އިންތިޒާމުކުރާ މެސޭ ބާލިންގެ ސީއީއޯ ޑރ.މާރިއޯ ޓޯބިއަސްއެވެ.
ހޯސްޓުކުރާ ގައުމުގެ ހައިސިއްޔަތުން އަންނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު އައިޓީބީ ފެއާ 2027 ހުޅުވުމަށް ބާއްވާ ހާއްސަ ގާލާ ނައިޓް ބާއްވާނީ ރާއްޖެއިން ކަމަށާއި މާރިޗު 16 އިން 18 އަށް އެ ފެއާ ކުރިއަށްދާއިރު ރާއްޖޭގެ ފަރާތުން ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ ކަން ފާހަގަކޮށް އޭގެ ތެރޭގައި ސަގާފީ ހުށަހެޅުންތަކާއި، ނެޓްވޯކިން އިވެންޓުތައް ހިމެނޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަަހު ޑރ.ޓޯބިއަސް ވިދާޅުވީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖެއިން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ މަތީ ފަންތީގެ ހިދުމަތްތައް އިޝްތިހާރުކުރުމަށް އެންމެ އެކަށީގެންވާ މުނާސަބު މަންސައަކީ އައިޓީބީ މައުރަޒު ކަމަށެވެ. އަދި އެ މައުރަޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ މާހިރުން ވަޑައިގަންނަވާ މައުރަޒަކަށްވާތީ އެ މައުރަޒަކީ ރާއްޖެ ފަދަ ގައުމުތަކަށް ލިބިގެންދާ މުހިއްމު ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.
ހޯސްޓްކުރާ ގައުމުގެ ގޮތުގައި ރާއްޖެ ހަމަޖައްސާފައިވުމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ހުރިހާ ސެކްޓާތަކެއް އިޝްތިހާރުކޮށް، ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތަަކުގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
އެންމެ ފަހުން ރާއްްޖެއަށް އައިޓީބީ ފެއާ ހޯސްޓުކުރުމުގެ ފުރުސަތު ލިބުނީ ދިހަ ވަރަކަށް އަހަރު ކުރިން 2016 ވަނަ އަހަރު ކަން ފާހަގަކޮށް އެ އަހަރު ރާއްޖެއިން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ސަގާފީ ހަރަކާތްތަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނުކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.