ރައްޔިތުން އިންތިހާބުތަކާ ދުރުކުރުވީ އިދިކޮޅު އެމްޑީޕީން ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ރާއްޖެ" ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމީ ރައްޔިތުން އިންތިހާބުތަކާ ދުރުކުރަން ކަމަށް ބުނެ އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ ކޮންގްރެސް ޕާޓީން ވާހަކަ ދައްކާނީ ހެއްކާއި އެކުގައި ކަމަށާއި ރައްޔިތުން އިންތިހާބުތަކާ ދުރުކުރުމުގެ ވިސްނުން އުފެއްދި ޕާޓީއަކީ ވެސް އަދި އެގޮތަށް އަމަލުކޮށް ރައްޔިތުން އިންތިހާބުތަކާ ދުރުކުރީވެސް އިދިކޮޅު އެމްޑީޕީން ކަމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުތައް ބޭއްވުމަށް ފަހު އެ މެމްބަރުންގެ ތެރެއިން ބަޔަކު އިސްތިއުފާ ދޭން ފެށުމާއެކު މި އިންތިހާބުތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން ނިންމީ އެމްޑީޕީން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 2020 ވަނަ އަހަރު ވިދާޅުވެފައިވާ ކަމަށާއި ހަގީގީ އެމްޑީޕީގެ ފިކުރަކީ އެއީ ކަމަށެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރުން ނިންމާފައިވާ އެންމެ ބޮޑު އެއް ސަބަބަކީ މަޖިލީހުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ވިސްނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުގެންގުޅުއްވާތީކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ މައި ދެ އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އާބާދީއަށް ބަލާއިރު ރިޔާސީ އިންތިހާބުގެ ހަ މަސް ފަހުން އޮންނަ މަޖިލީސް އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ބޮޑުތަނުން މަދުވާކަމަށެވެ. އަދި ދިވެހި ދައުލަތުގެ ނިޒާމު ތަރުތީބުކުރެވިގެން އަންނައިރު ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފުރުސަތު ދީގެން ގޮތް ނިންމަން ރައީސް ބޭނުންފުޅުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިހާބާ އެކު ނެގުމަށް ދަނީ ތައްޔާރުވަމުން ނެވެ. މި ވޯޓުގައި ކޮންގްރެސް ޕާޓީގެ ސްޓޭންޑަކީ "އާނއެކޭ" ބުނުން ކަން އެ ޕާޓީން ވަނީ އިއުލާނު ކޮށްފަ އެވެ.