މީސްމީޑިއާ މެދުވެރިކޮށް އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ނ. ކުޑަފަރި، ހިޔަލީގެ، އުމުރުން 44 އަހަރުގެ ހުސައިން ޔޫސުފް އެވެ.
ފުލުހުން ބުނީ އޭނާ ހޯދަނީ އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަަކައާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މަޢުލޫމާތު، ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ޓިކްޓޮކް މެދުވެރިކޮށް ފެތުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.
އެގޮތުން އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އާންމުކޮށް އަންގާ އިއުލާނުކުރާ ކަމަށެވެ.
އެހެންކަމުން ފުލުހުން ވަނީ އެ މައްސަލައިގެ ސުވާލު ކުރުމަށްޓަކައި، މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން ހުސައިން ޔޫސުފަށް އަންގާފައެވެ.