ރަމަޟާންމަހަކީ ދީލަތިކަމާއި، ހޭދަކުރުމުގެ މައްސަރު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުމާއި ސަދަގާތްކުރުން ގިނަކުރަން ޖެހޭކަމަށެވެ.

އެގޮތުން މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ފިތުރު ޒަކާތް ނެރުމަށް ސަމާލުކަންދީ އެ ކަމަށް އަވަސްވެގަތުމުގެ މުހިއްމުކަން ފާހަގަކޮށް، ފިތުރު ޒަކާތް ނެރުމަކީ ކޮންމެ މުސްލިމަކުމެ ކުރާންޖެހޭނޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އީދު ވިލޭރެއާއި އީދު ދުވަހު ހަރަދުކުރާނެ މިންވަރު ހުރެ އިތުރަށް ހުރި އެއްޗަކުން ތިމާ ހަރަދުދީ ބަލަހައްޓާ މީހުންނާއި ތިމާގެ އަމިއްލަ ނަފުސުގެ މަތީން ފިތުރު ޒަކާތް ނެރުން ވާޖިބުވެގެންވެއެވެ. އެއީ ބޮލަކަށް ސާއެއްގެ މިންވަރެވެ. މި ޒަމާނުގެ ގޮތުން ނަމަ އެއީ، ދެ ކިލޯ ހަތަރު ސަތޭކަ ގުރާމެވެ."

ހުކުރު ހުތުބާ

ހުތުބާގައި ބުނީ މިއަދު އިސްލާމީ އުންމަތް ހޭދަކުރަމުން މިދަނީ އުންމަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ނުރައްކާތެރި ދުވަސްތަކެއްގެ ތެރޭގައި ކަމަށެވެ.

"އިސްލާމީ އުންމަތުގެ ދުޝްމަނުން، މި އުންމަތް ބަލިކަށިކޮށް ބައިބައިކޮށްލުމަށް އެ ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އުންމަތުގެ ކަންކޮޅުތަކުގައި ލޭއޮހޮރުވައިލައި، އިސްލާމީ ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް މި ދަނީ ފެންނަމުންނެވެ."

ހުކުރު ހުތުބާ

އުންމަތުގެ މުސްތަގުބަލަށް ޓަކައި، އިސްލާމީ ހަޟާރަތު އަލުން އިއާދަކުރުމަށް އަދުގެ ޒުވާން ޖީލު އިހުލާސްތެރިކަމާ އެކު އަޒުމް ކަނޑައަޅާންޖެހޭ ކަމަށް ހުތުބާގައި ބުނެއެވެ.

ހުތުބާގައި އިތުރަށް ބުނީ ރަމަޟާން މަހަކީ ނަސްރާއި ފަތަހައިގެ މައްސަރެއް ކަމަށާއި ރަމަޟާން މަހަކީ ތަރުބަވީ މަދުރަސާއެއް ކަމަށެވެ.

"މިއީ ޒުވާނުންގެ ނަފްސުތައް ތަރުބިޔަތު ކުރަން އޮތް ރަނުގެ ފުރުސަތެކެވެ. މައިންބަފައިން ތިޔަ ޒުވާނުންނާ މެދު ކުރަމުން އަންނަ އުންމީދުތައް ހަގީގަތަކަށް ހަދަން މުރާލިކަމާ އެކު ތެދުވާށެވެ! " ހުކުރު ހުތުބާ

މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "ރަމަޟާންމަހުގެ ފަހު ދިހަ" އެއް ކަމަުން މިއަދުގެ ހުކުރު ހުތުބާގައި، އެންމެ ހެޔޮ ރޭތަކަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލެއްވިކަމަށާއި، އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ލައިލަތުލްގަދުރި ލެއްވި ކަމަށް ބުނެފައިވެއެވެ.

ހުތުބާގައި ރަމަޟާންމަހަކީ ވިސްނުމާއި ފިކުރު ހެޔޮމަގަށް ގެންނާން އޮތް އެންމެ ހެޔޮ ވަގުތުކަން ފާހަގަކޮށް ވަނީ އަޒުމު ވަރުގަދަ ބަޔަކަށް ވަމުމަށް އިލްތިމާސްކޮށްފައެވެ.