ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލޭ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ވަނީ މި ރަމަޟާން މަހު މާލެސިޓީގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފައެވެ.

އެގޮތުން އެ މިނިސްޓްރީން ބުނީ މި ރަމަޟާން މަހުގެ ފަހު 10ގައި މާލެ ސަރަޙައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެކަމަށާއި 25 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. މި ރަމަޟާން މަހު ދަމު ނަމާދު ކުރާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި ހުރި މިސްކިތްތަކުގެ ތެރެއިން 21 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 6 މިސްކިތަކާއި ދެވަނަ ފިޔަވަހީގެ 5 މިސްކިތެއްގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން އިޢުތިކާފަށް ތިބުމަށް ހަމަޖައްސާފައިވާ 35 މިސްކިތުގެ ތެރޭގައި މާލޭގެ 16 މިސްކިތެއް ހިމެނެއެވެ.

އަދި ވިލިމާލޭގެ މަސްޖިދުލްބިއްރީގައާއި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 5 މިސްކިތެއްގައާއި ދެވަނަ ފިޔަވަހީގެ 3 މިސްކިތެއްގައިވެސް އިއުތިކާފަށް ތިބެވޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.