ދަރިފުޅަށް 2 އަހަރު ވަންދެން ވަޒީފާގައި އުޅޭ މައިންނަށް ދުވާލަކު ދެފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދަރިފުޅަށް ދޭން ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިި އިސްލާހު ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ.

އަަލަށް ގެންނަ އިސްލާހުގައިވާގޮތުން ވިހެއުމަށްފަހު ލިބޭ ޗުއްޓީއަށްފަހު މުވައްޒަފު އަނބުރާ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ދުވަސް ވަންދެން އެ ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ވަގުތު ދޭން ޖެހޭނެއެވެ. އެ އިސްލާހުގައިވާގޮތުން މުސާރައިން ނުކެނޑޭގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެފަހަރު ދޭން ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކޮންމެ މުވައްޒަފަކަށްވެސް ޑިއުޓީ ވަގުތުން 1 ގަޑިއިރުގެ ހުސްވަގުތު މިހާރު ދޭންޖެހޭއިރު ވިހެއުމަށްފަހު ދަރިފުޅަށް ދެ އަހަރުވަންދެން އެ ދަރިފުޅު ކައިރިއަށް ދިއުމަށް ދޭންޖެހޭ ވަގުތަކީ މި ވަގުތުގެ އިތުރަށް ދޭންޖެހޭ ވަގުތެވެ. ހަމައެހެންމެ ވަޒީފާއިން ވަކިކުރުމަށް ދޭންޖެހޭ މުއްދަތަށް އިސްލާހު ގެނައުމަށްވެސް ވަނީ ހުށަހަޅާފައެވެ.

އެ އިސްލާހުގައި 1 އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގައި އުޅޭ ކޮންމެ މުވައްޒަފަކަށް 2 ހަފުތާގެ ނޯޓިސް ދޭންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ބައެއް ބާވަތްތަކުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިދޭގޮތަށްވެސް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅުއްވާފައެވެ.

މި ބިލު ދިރާސާ ކުރުމަށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ބިލަށް ބައެއް ބަދަލު ގެނައުމަށްފަހު ބިލު ފާސްކުރީ އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.