ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންތުގެ އަލީގައި މަސްތުވާތަކެތީގެ އައު ޤާނޫނެއް އެކުލަވާލަން ޖެހޭކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ޙަސަން ގޮވާލައްވައިފިއެވެ.
ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު މިގޮތަށް ގޮވާލެއްވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވާ ފޯރަމްތަކުގެ ތެރެއިން ރޭ ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
އެ ފޯރަމްގައި މަޢުލޫމާތު ހިއްސާކޮށްފައިވަނީ "ދެވިހިފުން - މަސްތުވާތަކެތި، ބަނގުރާ އަދި ބޭއަދަބީ މަންޒަރުތައް" މި މަޢުޟޫއާ ގުޅޭގޮތުންނެވެ.
އެ ފޯރަމް ފައްޓަވަމުން ޑރ. އަންވަރު ވަނީ އިންސާނެއްގެ ހަށިގަނޑުގެ ރޫހާނީބައިގެ މުހިއްމުކަމާއި ސިކުނޑިއާއި ޖިސްމުގެ މުހިއްމުކަން ހިއްސާކުރައްވާ މާތް ﷲ ޙަލާލު ކުރައްވާފައިވާ ކަންކަމާއި ޙަރާމް ކުރައްވާފައިވާ ކަންކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ޢަލީގައި ތަފްސީލްކޮށްދެއްވާފައެވެ. އަދި ވަގުތީ ހިތްހަމަޖެހުމަކަށް ރަލާއި މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭ ގެއްލުން މާބޮޑު ކަމަށް ޑރ. މޫސާ އަންވަރު ވިދާޅުވިއެވެ.
ޑރ. އަންވަރު ވިދާޅުވީ ރަލާއި، ޖުވާ ކުޅުމާއި، ނަސީބު ބަލަން ގެންގުޅޭ ކަންތައްތަކަކީ ޝައިޠާނާގެ ޢަމަލުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ޒިކުރުކުރުން ގެއްލިގެންދާކަމަށާއި ބުއްދީގެ ވަޒީފާވެސް ގެއްލިގެންދާކަމަށެވެ. އަދި ރަލުގެ މަސައްކަތުގައި 10 ބައި މީހުން އުޅޭކަން ބަޔާންކުރައްވާ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމަ އެ ހުރިހާ އެންމެނަށް ލައުނަތް ހުރިކަން ވަކި ވަކިން ބަޔާންކުރެއްވިކަމަށް ވަނީ ވިދާޅުވެފައެވެ.
ރާ ބޯ މީހާ މަސްތުވާތަކެތީގައި ޖެހިފައިވާ މީހާއަށް ގިޔާމަތް ދުވަހުން ނަރަކައިގެ އަހުލުވެރިންގެ ހަށިގަނޑުން އޮހޮރިގެންދާ ދާ ޤީނަތުލް ޚިބާލު ބޯން ދެއްވާނެ ކަމަށް ރަސޫލާ ހަދީޘް ކުރައްވާފައިވާ ކަމަށް ޑރ. އަންވަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އައިޔޫއެމްގެ ދަރިވަރަކު ހަދާފައިވާ ދިރާސާއަކަށް އަލިއަޅުވާލައްވަމުން ޑރ. މޫސާ އަންވަރު ވިދާޅުވީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންތުގެ އަލީގައި މަސްތުވާތަކެތީގެ އައު ޤާނޫނެއް އެކުލަވާލަން ޖެހޭ ކަމަށެވެ.