ޖެނުއަރީ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 64 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންގެ 32 މައްސަލައަކާއި ފިރިހެން ކުދިންގެ 32 މައްސަލައެކެވެ.
މީގެ އިތުރުން ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖެނުއަރީމަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 64 މައްސަލައިގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ.
އެގޮތުން، ކުޑަކުދިންނަށް އިހުމާލުވުމުގެ ޖުމްލަ 30 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 19 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 11 މައްސަލައެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޖިންސީ ހާނިއްކައިގެ 13 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 02 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 11 މައްސަލަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ޖެނުއަރީ މަހު އެ ވުޒާރާއަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައްކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކަށް ބަލާލާއިރު، ނަފްސާނީ ހާނިއްކައިގެ 07 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 04 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 01 މައްސަލައިގެ އިތުރުން ކުޑަކުދިންގެ ބަދުއަހްލާގީ އަމަލު ހިންގާ ވީޑިއޯތަކާއި ގުޅޭ 01 މައްސަލަ ހިމެނެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ ޖުމްލަ 45 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 23 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށާއި އޭގެތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 17 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 06 މައްސަލައެއްކަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިވުމާއި ގުޅޭ 08 މައްސަލައެއް ޖެނުއަރީމަހު އެވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ފިރިހެނުންގެ 02 މައްސަލައާއި އަންހެނުންގެ 06 މައްސަލައެވެ.
އެ ވުޒާރާއިން ބުނީ، ޖެނުއަރީމަހު އެ ވުޒާރާގެ ޗައިލްޑް ހެލްޕްލައިން 1412 އަށް 1964 ކޯލު ލިބިފައިވާކަމަށެވެ. އޭގެތެރެއިން 97 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތައްކަމަށް އެ ވުޒާރާއިން ބުނެއެވެ.