ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިންކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި ނިންމުން އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ އަދި ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް އެ ކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓުގެ އެ ނިންމުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެ ކޯޓަށް ތަހްވީލުކޮށްދޭން ދައުލަތުން ހައި ކޯޓުގައި ވަނީ އެދިފަ އެވެ. އަދި ބައްސާމްގެ ދެ އެޕާޓްމެންޓްގެ މުއާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދޭން ވެސް ވަނީ އެދިފަ އެވެ. އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓެއް އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްގެން ގަތުމަށް ބައްސާމް ހިންގާފައިވާ މުއާމަލާތުގައި އެ ކުންފުނިން އޮޅުވާލައި މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެ ދައުލަތުން ދައުވާކުރި އެވެ.އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދިވެހި ރުފިޔާ އަށް މާރުކުރަން އަމިން އަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ނަގުދު ފައިސާގެ ގޮތުގައި އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ އަދި އެ މައްސަލައިގައި ދައުވާލިބޭ ހަސަން ވަހީދާ ހަވާލު ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

އެފްއޭއެމްގެ ޑޮލަރު މާރުކުރި ފައިސާއިން އަމިން އެވެނިއު އެޕާޓްމެންޓް ގަންގަން ފައިސާ ދެއްކިކަން ސާބިތު ނުވާތީ އަމިން ކުންފުނީގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅި އެވެ. އަމިންގެ މައްޗަށް ދައުވާ ސާބިތުނުވި ނަމަވެސް، އެ މައްސަލާގައި ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ ވަނީ ސާބިތުވެފަ އެވެ. އެ މައްސަލައިގައި ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައި 44 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.