މިއަދު ސުކޫކަށް ފައިސާ ދައްކަންޖެހުނު ކަމުގައި ވީ ނަމަވެސް އެ މިންވަރަށް ފައިސާ އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ސުކޫކު ދެއްކުމަށް ހަމަޖެހިފައިވާ، 8 އޭޕްރިލް 2026 ވަނަ ދުވަހަށް ތައްޔާރުވެފައިވާކަން ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ސްކޫކުގެ ފައިސާ ދެއްކުމަށް 650 މިލިއަން ޑޮލަރަށްވުރެ ބޮޑުއަދަދެއް މިހާރުވެސް ރައްކާކުރެވިފައި އެބަހުރިކަމުގައެވެ.

އަދި 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމުންވެސް، 150 މިލިއަން ޑޮލަރަށްވުރެ ބޮޑުއަދަދެއް ބާކީ ހުންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

"މިއަދު ސުކޫކު ޕޭކުރަންޖެހުނަސް ޕޭ ކުރެވޭވަރަށް ފައިސާ އެބަހުރި.މިއަދު މިހާރު ޕޭކުރަން ޖެހުނަސް ޕޭކުރެވޭވަރަށް ފައިސާ އެބަހުރި. އާދެ 500 މިލއަން ޑޮލަރުގެ ސުކޫކު 8 އެޕްރީލް 2026 ގަ ސަރުކާރުން ދައްކަން ވާނީ ނިންމާފަ. އެއީ ދައްކަން ޖެހޭ ދުވަސް.8 އެޕްރީލް 2026ގައި ދެއްކުމަށްޓަކައި މިހާރު އަޅުގަނޑުމެން އަތުގަ ރައްކާކޮށްފަ އެބަހުރި 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ. 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާފަ ބާކީވެސް އެހެންވީމާ 150 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުންނާނެ" ރައީސް ވިދާޅުވިއެވެ.

މިގޮތުން ސޮވްރިން ޑިވަލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) ގައި، 320 މިލިއަން ޑޮލަރަށްވުރެ ގިނައިން މިހާރުވެސް އެބަހުރިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ޔޫޒަބަލް ރިޒާވްގެ ގޮތުގައި 330 މިލިއަން ޑޮލަރަށްވުރެ ބޮޑުއަދަދެއް އެބަހުރިކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި އަހަރަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިޤްތިޞާދު މެނޭޖްކުރަމުން ދަނީ ބޭރަށް ދައްކަން ޖެހޭ ދަރަނި އާއި އެތެރޭގެ ދަރަނި ދެއްކޭގޮތަށް ކަމަށާއި ދަރަނި ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.