ޙާފިޡުން ދަސްވެނިވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި31 ޙާފިޡުން ސަނަދާއި، މެޑަލް ހާސިލުކޮށްފިއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.
އެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
އެ އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް ދަސްވެނިވި 31 ޙާފިޡުންނަށް ސަނަދާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.
މިއީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާ އެއްގޮތަށް، ޙިފްޡު އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ، އަލަށް ދަސްވެނިވި ޙާފިޡުންނެވެ.
މި އަހަރު ދަސްވެނިވެފައިވަނީ، އަންހެން 19 ޙާފިޡުންނާއި، ފިރިހެން 12 ޙާފިޡުންނެވެ. އެއީ 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ޙާފިޡުންނާއި، 21 އަހަރުން މަތީގެ 8 ޙާފިޡުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިތުރު 18 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.
މިއީ 3 ސެޕްޓެމްބަރު 2024 އިން 18 މާރިޗު 2025 ގެ ނިޔަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާ އެއްގޮތަށް، ޙިފްޡު އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ ސަނަދު ޙާޞިލުކޮށްފައިވާ ޙާފިޡުންނެވެ.