ތެލާއި ކާބޯތަކެތި ރާއްޖެ އެެތެރެކުރުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މެދުއިރުމަތީގައި ވަރަށް ގިނަ ދިވެހީން ދިރިއުޅެމުންދާތީ، ޚާރިޖީ ވުޒާރާ މެދުވެރިކޮށް އެ ފަރާތްތަކުގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެގޮތުން މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާއި ގުޅިގެން ރައީސް އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ހަމަ އެ ދުވަހު މެންދުރުފަހު މަސައްކަތް ފެށިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި އެ ސަރަހައްދުގައި ތިބި ކިޔަވާ ކުދީންގެ ކަންކަން މަތީ ތައުލީމާ ބެހޭ ވުޒާރާއިން ގާތުން ބަލަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެދާނެ ދަތިތައް ބަލަމުންދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިވަގުތު އެފަދަ އެއްވެސް ދަތިކަމެއް ނެތްކަމަށެވެ.

"އެއްވެސް ވަރަކަށް ތެޔޮ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ނުލިބޭނެ ކަހަލަ ގޮތަކަށެއް އަދި ނެތް އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ކަހަލަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ. ތެލުގެ އިޝޫއެއް ނެތް. ކާބޯތަކެތީގެ އިޝޫ އެއްވެސް ނެތް." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދަށް މިކަމުން ކުރަމުންދާ އަސަރު ބަލާ ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.