ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން މީހުން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރަންޖިނި ޖީވަނަންތަން، މެލޭޝިއާ، (38އ) އާއި ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (29އ) އާއި ގއ. ދާންދޫ / ސަންލައިޓްވިލާ، އަޙްމަދު ރިޝްމާހް (21އ) އެވެ.

ފުލުހުން ބުނީ އެ ތިންމީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށާއި ލޫޠު އިބްރާހީމްއާއި އަޙްމަދު ރިޝްމާހް ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރަންޖިނި ޖީވަނަންތަންއާއި ލޫޠު އިބްރާހީމް 15 ދުވަަހަށް އަދި އަޙްމަދު ރިޝްމާހް ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.