ރާއްޖޭގައި ޙާފިޡުންގެ އަދަދު މިހާރު ވަނީ 301 އަށް އަރާފައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ބޭއްވި ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޡުން ދަސްވެނިވާ އަހަރު ކަމަށެވެ. އެގޮތުން މި އަހަރު 31 ޙާފިޡުން ދަސްވެނިވެވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމުގެ ދާއިރާއަށް ވަރަށް މުހިއްމު އިސްކަމެއް ދެއްވި ކަމަށާއި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އިނާމުތައް މަތިކުރެއްވި ކަމަށެވެ. އަދި ޙާފިޡުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ޙަފްލާއަކީ، ދިވެހިރާއްޖޭގައި ބޭއްވޭ އުފާވެރި ޙަފްލާތަކުގެ ތެރެއިން ވަރަށްވެސް އުފާވެރި، މަތިވެރިކަން ލިބިގެންވާ ޝަރަފްވެރި ޙަފްލާއެއް ކަމަށާއި ކީރިތި ޤުރުއާނަށް ޚިދުމަތް ކުރުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ ކަންތައްތައް މުޅި ރާއްޖެއަށް ފެތުރުމުގައި ދިވެހިރާއްޖެ ދެކެމުން މިދަނީ ވަރަށް ހެޔޮ ދުވަސްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2025 ވަނަ އަހަރު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކުރެވިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ޙާފިޡުންގެ އަދަދު މިހާރު ވަނީ 301 އަށް އަރާފައި ކަމަށާއި މިއީ ވަރަށް އުފާވެރި ކަމެއް ކަމަށާއި އަމާޒަކީ މި 5 އަހަރުގެ ތެރޭގައި ޙާފިޡުންގެ އަދަދު 500 އާއި ހަމައަށް ގެންދިއުމަށް މަސައްކަތް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އިސްލާމިކް މިނިސްޓްރީގެ ދުރު ރާސްތާ އަމާޒަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ޙާފިޡުންގެ ޢަދަދު އެންމެ ގިނަ ޤައުމަށް ދިވެހިރާއްޖެ ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި މިގޮތުން 2026 ވަނަ އަހަރުގައި 50 ގޮފި އުފެއްދުމަށް ދަނީ މަސައްކަތް ކުރެވެމުން ކަމަށާއި މީގެ ތެރެއިން 6 ގޮފި ރަޖިސްޓްރީކުރެވިފައިވާއިރު، 34 ގޮފި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ ކުރިއަށް އޮތް ޖީލުތަކަށް އިސްލާމީ ރިސާލަތު ވާޞިލްކޮށްދިނުމަށްޓަކައި އަދުގެ ޒުވާން ޖީލު ޙާފިޡުންގެ ގޮތުގައި އަދި އިމާމުންގެ ގޮތުގައި، ތެދުވަން ޖެހޭ ކަމަށާއި އުއްމަތް ބިނާކުރުމުގައްޔާއި ޤައުމު ބިނާކުރުމުގައި ޤައުމު ތާއަބަދަށް އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި މިފަދަ ޙާފިޡުން ބިނާ ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު 1873 ދަރިވަރުން އަންނަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. އެންމެ ގިނަ އަދަދަކަށް ދަރިވަރުން ޙިފްޡު ކުރަމުން އަންނަނީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގައެވެ.