އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއެކު މިހާރު އެކުލަވާލާފައިވާ އައު ލީޑަރުން އެމެރިކާ ސަރުކާރާ ވާހަކަދައްކަން ބޭނުންވާކަމަށާއި އެހެންކަމުން އެމީހުންނާ ވާހަކަދައްކަން ތައްޔާރަށް ހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އެޓްލާންޓިކް މެގަޒިން އަށް ދިން އިންޓަރވިއުއެއްގައި ޓްރަމްޕް ބުނެފައިވަނީ އެމެރިކާ އާއެކު ވާހަކަދައްކަން އިރާނުން މިހާރު ބޭނުންވާކަމަށާއި އެކަން މާކުރިންވެސް އިރާނުން ކުރަންޖެހޭކަމަށެވެ. އެކަން އިރާނުން ކުރަންޖެހޭނީ އިރާނާ ދެކޮޅަށް އެމެރިކާއިން ހަމަލާދިނުމުގެ ކުރިންކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.
މި ވާހަކަތައް ކުރިޔަށްދާނެ އިރެއް ޓްރަމްޕް ބުނެފައެއްނުވެއެވެ.
އަނެއްކޮޅުން އޮމާނުން ބުނެފައިވަނީ މަސްރަހު ފިނިކުރުމަށް އިރާނުން ތައްޔާރަށް އޮތްކަމަށް އިރާނުން ބުނެފައިވާކަމަށެވެ. އިރާނުން އަންނަނީ މެދު އިރުމަތީގައި އެމެރިކާގެ އެމްބަސީތައް ހުންނަ ގައުމުތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ. އެއާއެކު އެގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އިރާނުން ބުނަމުން އަންނަނީ މެދު އިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ ތަންތަނަށާއި މީހުންނަށް އަމާޒުކޮށް ހަމަލާދޭނެކަމަށެވެ.
އަނެއްކޮޅުން އިރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާގެ ތިން މީހުން މަރުވެފައިވާކަމަށާއި ފަސް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ.