އިރާނާ ދެކޮޅަށް އެމެރިކާއިން ކުރިޔަށްގެންދާ އަސްކަރީ ހަމަލާތަކުގައި ސިފައިންގެ 3 މީހުން މަރުވެފައިވާކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މަރޗް 1 ވަނަ ދުވަހާ ހަމައަށް 3 މީހުން މަރުވެ 5 މީހުންނަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާކަމަށެވެ. އަދި އިތުރު ބަޔަކު ޒަޚަމްވެފައިވާކަމަށާއި އެމީހުން އަނބުރާ ޑިޔުޓީއަށް ނިކުތުމުގެ މަގުމަތީގައި ވާކަމަށް ބުނެފައިވެއެވެ.
މަރުވި މީހުންގެ ނަމާއި އިތުރު ތަފްސީލެއް މިހާތަނަށް އައިއިރު ހާމަކޮށްފައެއްނުވެއެވެ.
އެމެރިކާ އާއި އިސްރާއީލު ގުޅިގެން އިރާނަށް އިއްޔެ ހަމަލާން ދޭންފަށާފައިވާއިރު މީގެ މަސް ދުވަސްކުރިން ފެށިގެން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތައް ވަނީ އިރާނު ކައިރިއަށް ގެނެސްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ މިއީ އިރާނުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ދެމުންދާ ހަމަލާތަކެއްކަމަށެވެ.
ހަމަލާތަކުގެ ބަދަލެއްގެ ގޮތުން އިރާނުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދެމުންނެވެ. އަދި އެމެރިކާގެ އަސްކަރީ މަނަވަރުތަކަށްވެސް ހަމަލާދެމުންދާކަމަށް ބައެއް ރިޕޯޓްތައް ބުނެއެއެވެ. ނަމަވެސް އެމެރިކާއިން މިހާތަނަށް އައިއިރު އެކަން ކަށަވަރުކޮށްދީފައެއްނުވެއެވެ.
އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަނަވަރު އެބްރަހަމް ލިންކަން އަށް އިރާނުގެ މިސައިލް ހަމަލާ އަރާފައިވާކަމަށް ބުނާ ރިޕޯޓްތަކާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލެއް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އެބްރަހަމް ލިންކަން އަމާޒުކޮށް އިރާނުން ފޮނުވާލި ހަމަލާގައި މާބޮޑު އަސަރެއް ނުކުރާކަމަށާއި މަނަވަރުގެ އޮޕަރޭޝަންތައް ކުރިޔަށްދާކަމަށެވެ. މިސައިލް މަނަވަރާ ހިސާބަށް ނުފޯރާކަމަށްވެސް ބުނެފައިވެއެވެ.
އިރާނުގެ ރިވޮލިޔުޝަނަރީ ގާޑުން ކުރިން ބުނެފައިވަނީ އެބްރަހަމް ލިންކަން އަށް އަމާޒުކޮށް ހަތަރު ބެލެސްޓިކް މިސައިލެއް ފޮނުވާލާފައިވާކަމަށެވެ.
އިރާނުގެ ރޫހާނީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުން ވަނީ ހަމަލާތައް ވަރުގަދަކުރާނެކަމުގެ އިންޒާރު ދީފައެވެ.