އިރާނަށް އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބަދަލުގައި އިސްރާއީލަށް އިރާނުން ދިން ހަމަލާގައި މަދުވެގެން 9 މީހަކު މަރުވެއްޖެއެވެ.
މިހަމަލާތައް އަމާޒުވެފައިވަނީ ހުޅަނގު ޖޭރުއްސަލާމްގެ ބެއިތު ޝެމެޝް ސަރަހައްދަށެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިރާނުން ފޮނުވާލި މިސައިލްތައް ވަނީ އެސަރަހައްދުގައި ޤާނޫނަށް ޚިލާފަށް އާބާދުވެފައިވާ ޔަހޫދީންގެ ގެތަކަށް އަރާފައެވެ. މިހަމަލާތަކުގައި މަދުވެގެން 27 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން މިހާރުވެސް ދަނީ ވެއްޓިފައިވާ ގެތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުން އަންނަނީ މިސައިލްތައް އެސަރަހައްދަށް އަރަންޖެހުނު ސަބަބު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އިސްރާއީލަށް އަމާޒުވާ ހަމަލާތަކުން ދިފާއުވުމަށް އިސްރާއީލުގައި ގާއިމުކޮށްފައިވަނީ ވަރުގަދަ ވައިގެ ދިފާއީ ނިޒާމެކެވެ. މިދިޔަ އަހަރު ކުރިޔަށްދިޔަ 12 ދުވަހުގެ ހަނގުރާމައަށްފަހު އެ ނިޒާމު ބަލިކަށިވެފައިވާކަމަށް ރިޕޯޓްތައް ބުނެފައިވާއިރު މިއަދު އިރާނުން ދިން ހަމަލާގައި ގިނަ އަދަދަދެއްގެ ބަޔަކު މަރުވުމާއެކު އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުގެ ވަރުގަދަ ކަމާމެދު އަނެއްކާވެސް ވަނީ ސުވާލު އުފެދިފައެވެ.